Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ބޮޑު ސްކްރީންގައި ވޯލްޑްކަޕް ބެލޭނެ، މާލީ މަންފާ މަނާ

މީޑިއާނެޓް މާލެ - ފޮޓޯ: މިހާރު

މިމަހުގެ 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑްކަޕް ބޮޑު ސްކްރީންގައި ބެލޭނެ ކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މީޑިއާނެޓުން އިއްޔެ އެކަމުގައި ނެރުނު ބަޔާނަކާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން މިއަދު ނެރުނު ބަޔާނެއްގައި މީޑިއާނެޓުން ބުނެފައިވަނީ ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ލައިސެންސް މީޑިއާނެޓަށް ލިބިފައިވާތީ، މީޑިއާނެޓުން ވޯލްޑްކަޕާ ގުޅިގެން އަމަލު ކުރާނީ ފީފާގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

ފީފާގެ ގަވައިދުގެ ދަށުން އާންމު ތަންތަނުގައި ބޮޑު ސްކްރީނު ބަހައްޓައިިގެން ވިޔަފާރި އުސޫލުން ނޫންގޮތަކަށް ވޯލްޑްކަޕް ދެއްކުމަކީ މަނާކަމެއް ނޫން ކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ. އަދި މިގޮތަށް ވޯލްޑްކަޕް ދައްކައިގެން މީޑިއާނެޓުން ޤާނޫނީ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ނަމަވެސް ވިޔަފާރި އުސޫލުން، މާލީ މަންފާއެއް ހާސިލު ކުރުމަށްޓަކައި ވޯލްޑްކަޕް ދެއްކުމަކީ މަނާކަމެކެވެ." މީޑިއާނެޓުގެ ބަޔާނުގައިވެއެވެ.

މީޑިއާނެޓުން ބުނެފައިވަނީ ފީފާ އަދި މީޑިއާނެޓްގެ ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ވޯލްޑްކަޕް އާންމު ތަންތަނުގައި ބެލުމާއި ދެއްކުމަކީ މީޑިއާނެޓުން ހުރަސްއަޅާނެ ކަމެއް ނޫން ކަމަށެވެ.