Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ޓެކްސް ވޯޓަށް ނޭހި، ސަރުކާރު މެމްބަރުންގެ ނުރުހުން ރިޔާސަތަށް

ބައެއް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރަނީ--

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައިވެސް ވޯޓަށް ނޭހުމުން ސަރުކާރަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.

މިއަދުގެ ވޯޓު ވަގުތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި ވަނީ އެދުވަހެއްގެ މަސައްކަތުގައި ނިމިފައިވާ ކަމަކަށް ވޯޓަށް އެހުން ކަމަށެވެ.

އެގޮތުން މިއަދު ނިމިފައިއޮތް މަސައްކަތަކީ ޗާގޯސް މައްސަލައިގައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތްކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑަށް މިހާރު ވޯޓަށް އެހެން އޮތީ އެ ގަރާރަށް. އަޅުގަނޑު ދެކިހުރީ އިއްޒަތްތެރި މެމްބަރުން ޓެކްސް ބިލުގެ ރިޕޯޓަށްވެސް ބަހުސްކޮށް ނިންމަވާނެ ކަމަށް. އެހެންނަމަވެސް އެހެންނެއް ނޫން މިއަދު މިކަން ހިނގާފައި މިއޮތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝީދު މިފަދައިން ވިދާޅުވުމުން މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ އެމްޑީޕީގެ ބައެއް މެމްބަރުންވަނީ ރިޔާސަތުގެ މޭޒު ކައިރިޔަށްވެސް އެކަމުގައި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އެ މެމްބަރުންގެ ވާހަކައަކަށް ބެއްލެވުމެއްނެތި ރައީސް ނަޝީދު ވޯޓަށް އައްސަވާފައިވަނީ ޗާގޯސް މައްސަލައިގެ ގަރާރު ބަލައިގަތުމަށް ފެންނަކަމަށް ވޯޓު އެކަންޏެވެ. އަދި އެއަށްފަހު މިއަދުގެ ޖަލްސާ ނިންމަވާލެއްވީ މާދަމާ މަޖިލީހުގެ ޖަލްސާ އޮންނާނެކަން ހާމަކުރެެއްވުމަށްފަހުއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާއިރު، އެ އިސްލާހު ދެން ފާސްކުރަންޖެހޭނީ މަޖިލީހުގެ ތަޅުމުންނެވެ. އެ ގާނޫނަށް އަމަލުކުރަން ފެށޭނީ އޭގެފަހުން ރައީސް އެ ބިލު ތަސްދީގު ކުރެއްވުމުންނެވެ.

ޤާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރާ ސަބަބެއްގެ ގޮތުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ހަރަދު، ދައުލަތަށް ލިބޭ އާމްދަނީން ހަމަޖެއްސުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކަމަށެވެ.