ޗާގޯސް މައްސަލައިގައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
އެ ގަރާރު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދިނީ 30 މެމްބަރުންނެވެ. ގަރާރުބަލައިގަތުމަށް ނުފެންނަ ކަމަށް 42 މެމްބަރުން ވޯޓު ދީފައިވެއެވެ.
ނާޒިމް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ޗާގޯސް ރަށްތަކުގެ ކަނޑުގެ ސަރަހައްދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ލޯ އެފް ދަ ސީސް އަށް ހުށަހަޅާފައިވާ މައްސަލާގައި 2010 އިން ފެށިގެން ރާއްޖެއިން ބޭނުންކުރަމުން އައި ވިސްނުމާއި ސިޔާސަތު ބަދަލުކޮށްފައިވާކަމަށް ބެލެވޭނެ ކަމެއް ހިންގާފައިވާ ކަމަށެވެ.
ނާޒިމް ހުށަހެޅި ޤަރާރުގައި އެދިފައިވަނީ އެ ސިޔާސަތު ބަދަލުކުރިނަމަ އޭގެ ވަށައިގެންވާ ސަބަބުތަކާއި، އެކަން ކޮށްފައިވަނީ ޤާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ވާނެ ގެއްލުމާއި ފައިދާ ވަޒަންކޮށްދިނުމަށެވެ.