ގައުމީ އެއާލައިން މޯލްޑިވިއަނަށް އާ ބޯޓެއް ގެނެސްފި އެވެ.
މިކަމާ ގުޅިގެން އެ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމާކޮށް ގެނައީ އޭޓީއާރް 42-600 މަރުކާގެ ބޯޓެއް ކަމަށެވެ. މިއީ ދުނިޔޭގެ ގައުމުތަކުގެ ޑޮމެސްޓިކް އޮޕަރޭޝަންތަކެއް ބޭނުން ކުރާ ޒާތުގެ ބޯޓެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ ތިން ބޯޓަށް އޯޑަރު ދީފައިވާ އިރު، މިއަދު މި ގެނައި ބޯޓަކީ ދާއިމީ ބޯޓްތައް ލިބުން ލަސްވާތީ ޕީކް ސީޒަނަށް ވަގުތީ ގޮތުން ބޭނުން ކުރަން ގެނައި ބޯޓެކެވެ.
އައިއޭއެސް އިން ބުނި ގޮތުގައި އޯޑަރުކޮށްފައިވާ ތިން ބޯޓްގެ ތެރެއިން ދެ ބޯޓް އަންނަ މަހުގެ ތެރޭގައި ލިބޭނެ އެވެ. އަދި ތިން ވަނަ ބޯޓް އަންނަ އަހަރު ކުރީކޮޅު ލިބޭނެ އެވެ.