Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެޗްޑީސީގެ ސްމާޓްކޮމް ފެއާ ހޮނިހިރު ދުވަހު

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ސްމާޓްކޮމް ފެއާއެއް ބާއްވަން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ އެ ފެއާ އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހިޔާ ޕާކް ސަރަހައްދުގައި ކަމަށެވެ.

އެ ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާ އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތާ ބެހޭ މައުލޫމާތު ގާތުން ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެ ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތު އޮންނާނެއެވެ. އެލަކީ ޑްރޯގައި އަގުހުރި އިނާމުތައް ލިބިގެން ދާނެ ކަމަށް އެކުންފުނިން ބުނެ އެވެ. އެގޮތުން ސްމާޓް ވޮޗާއި 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާގެ ރައުޓަރަކާއި އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރުތައް ހިމެނެ އެވެ.

މީގެ ފަހުން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ އެފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ އަދި ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން ތައްޔާރު ކޮށްދިނުމަށް ގުޅިގެން ކުރެވޭ މުހިއްމު މަސައްކަތަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި އެ ފެއާގައި ސްމާޓް ސިޓީ ސޮލުޝަންތަކާބެހޭ މުހިއްމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު، އަދި ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ސްމާޓްކޮމް އަދި އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކު ޚިދުމަތްތައް ފެށިތާ އެއްއަހަރު ވުމާ ގުޅިގެން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ގިނަ ހަރަކާތްތަކެއް އެޗްޑީސީން ދަނީ ބާއްވަމުންނެވެ.