Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯލްޑް ކަޕަށް ޔުކްރޭން ހަނގުރާމަ މެދުކަނޑާލަން އެދިއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

ވޯލްޑް ކަޕަށް ޔުކްރޭން ހަނގުރާމަ މެދުކަނޑާލަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެދިއްޖެ އެވެ.

ރަޝިއާ އިން ޔުކްރޭނަށް ހަމަލާތައް ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ކަމަށްވާއިރު މި ހަނގުރާމައިގައި މިހާތަނަށް 38،000 މީހުން ވަނީ މަރުވެފަ އެވެ.

އިންޑޮނީޝިއާގެ ބާލީގައި މިހާރު ކުރިއަށްދާ ގްރޫޕް އޮފް 20 (ޖީ20) ސަމިޓްގައި ވާހަކަދައްކަމުން އިންފަންޓީނޯ ވިދާޅުވީ ފުޓްބޯޅަ އިން ހުރިހާ ކަމެއް ހައްލު ކުރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި ނަމަވެސް ފުޓްބޯޅަ އަކީ މުޅި ދުނިޔެ އެއްބައިވަންތައްކޮށްދޭ ކުޅިވަރެއް ކަމަށެވެ.

އެގޮތުން ހުރިހާ ފަރާތްތަކަކުން ވެސް ވޯލްޑް ކަޕް ކުރިއަށްދާ އެއް މަސް ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް ވިސްނުމަށް އެދޭ ކަމަށާއި ވޯލްޑް ކަޕަކީ މުޅި ދުނިޔެ އަށް ވެސް ސުލްހަ ގެނައުމަށް އޮތް ރަނގަޅު ޕްލެޓްފޯމެއް ކަމަށްވެސް އިންފަންޓީނޯ ވިދާޅުވި އެވެ.

އިންފަންޓީނޯ ވަނީ މިކަން ކުރުމުގެ ބާރު އޮތީ ދުނިޔޭގެ ލީޑަރުންގެ އަތްމަތީގައި ކަމަށާއި ހުރިހާ ހަނގުރާމައަކަށް ނިމުން ގެންނަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ފެށުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކުރިއަށްދާނީ މި މަހުގެ 20 އިން އަންނަ މަހުގެ 18 ގެ ނިޔަލަށެވެ.