Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ފެވަރިޓުންނަކީ ފްރާންސް، ބްރެޒިލް އަދި އިންގްލެންޑް

އަންނަ އާދީއްތަ ދުވަހު ފަށާ ވޯލްޑް ކަޕްގެ ފެވަރިޓުންނަކީ ފްރާންސް، ބްރެޒިލް އަދި އިންގްލެންޑް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ވޯލްޑް ކަޕާ ދިމާކޮށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ މުބާރާތުގައި ފެވަރިޓުންގެ ގޮތުގައި އާންމުކޮށް އުޅެނީ އެއް ޓީމުތަކެއް ކަމަށާއި ނަމަވެސް އެހެން ޓީމުތަކަށް ވުރެ ފެންވަރުގެ ގޮތުން މަތީގައި އުޅޭ ތިން ޓީމެއް އެބައޮތް ކަމަށެވެ.

"އެއީ ބްރެޒިލް، ފްރާންސް، އިންގްލެންޑް. މިއަދު އެ ތިން ޓީމު އުޅެނީ އެހެން ޓީމުތަކަށް ވުރެ ތަންކޮޅެއް މަތީގައި، އެކަމަކު ކޮންމެ ގޮތެއް ވެސް ހަމަ ވެދާނެ." މެސީ ބުންޏެވެ.

މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އާޖެންޓީނާ ވެސް ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު މެސީ ބުނީ އާޖެންޓީނާގައި ވެސް ރަނގަޅު ޓީމެއް އެބައޮތް ކަމަށާއި ނަމަވެސް މީހުން އެގޮތަށް ދައްކާ ވާހަކަ ގަބޫލުކޮށްގެން އެކަމާ މާބޮޑަށް ވިސްނުމަކީ ގޯހެއް ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ހަގީގަތް ގަބޫލުކޮށް ފަހަރަކު މެޗަކާއި މެދު ވިސްނުން ކަމަށްވެސް މެސީ ބުންޏެވެ.

މިއީ ވޯލްޑް ކަޕްގައި މެސީ ކުޅޭ ފަސްވަނަ ފަހަރު ކަމަށްވާއިރު އާޖެންޓީނާ އަކީ އެންމެފަހުގެ ކޮޕަ އެމެރިކާގެ ޗެމްޕިއަނުންނެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އާޖެންޓީނާ ބަލިނުވެ ޖެހިޖެހިގެން 35 މެޗު ހަމަކޮށްފައިވާއިރު، 1986 ވަނަ އަހަރަށްފަހު އެ ޓީމަށް ވޯލްޑް ކަޕެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

އާޖެންޓީނާ މި ފަހަރުގެ މުބާރާތުގައި ލައްވާލީ ގުރޫޕް ސީގަ އެވެ. މި ގުރޫޕްގައި ދެން އޮތީ ސައުދީ އަރަބިއްޔާ އާއި ޕޮލެންޑް އަދި މެކްސިކޯ އެވެ.