ކުދި އަދި މެދު ފަންތީގެ ފިޔަވާރިތަކަށް ހާއްސަކޮށްގެން ބިޒްނަސް ސެންޓަ ކޯޕަރޭޝަން އިން "ވުނަދާނަ ފެސްޓިވަލް" ގެ ނަމުގައި ވިޔަފާރި ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ފެސްޓިވަލް އޮންނާނީ މާދަމާ ހަވީރު 4 އިން 6 އަދި ރޭގަނޑު 8 އިން 11 އަށް އާޓިފިޝަލް ބީޗުގަ އެވެ. މި އިވެންޓް ކުރިއަށްދާނީ ކުޑަކުދިންނާ ގުޅުންހުރި މުނިފޫހިފިލުވުމުގެ އިވެންޓްތަކާއެކު އެވެ.
އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ބާއްވާ މި ފެސްޓިވަލްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިންތި އަށް ފެތޭ ހުރިހާ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އެގޮތުން މި ފެސްޓިވަލްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 70 އަށް ވުރެ ގިނަ ވިޔަފާރިއަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ 56 ފަރާތަކަށެވެ. އެއީ ފޯމު ހުށަހެޅި ތަރުތީބުން އިސްކަންދީގެންނެވެ.
މި ފެސްޓިވަލްގައި އިތުރު މުއައްސަސާތަކާއި ކުންފުނިތަކުން ބައިވެރިވެ، އެ ކުންފުނިތަކުން ފޯރުކޮށްދޭ ވިޔަފާރިއާ ގުޅުންހުރި ހިދުމަތްތަކާއި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.