Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

އާމްދަނީ އިތުރު ކުރަން ޓެކްސް ބޮޑު ކުރަން ޖެހޭ

ޥޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރ، ފާރިސް ހަދާދް ޒެވަރޯސް / ފޮޓޯ: އޯއެމްޖީ ނޭޕާލް

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އައި ބަދަލާއި އެކު ދައުލަތުގެ މާލީ ޙާލަތަށް އޭގެ އަސަރުކޮށްފައި ވުމުން، އާމްދަނީ އިތުރުކުރުމަށް އަވަހަށް ޓެކްސް ބޮޑު ކުރުން މުހިންމު ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް ޒެވަރޯސް ވިދާޅުވީ، ވޯލްޑް ބޭންކުން މިހާތަނަށް ހެދި ދިރާސާތަކުން ދައުލަތު އާމްދަނީ އަދި ޙަރަދާއި ދައުލަތުގެ މާލީ ހާލަތު ދަށްވަމުން ދަށްވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މީގެ އެއް ސަބަބެއް ގޮތުގައި ވޯލްޑް ބޭންކުން ބުނަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލެވެ.

މިއާއެކު ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ވީހާވެސް އަވަހަށް ޓެކްސްއަށް ބަދަލު ގެންނަން ޖެހޭ ކަމަށް ޒެވަރޯސް ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ޤައުމުތަކުގެ އިޤްތިޞާދީ ހާލަތާއި ގުޅޭ ގޮތުން ނެރޭ ރިޕޯޓުގައި ރާއްޖޭގެ އިޤްތިޞާދު މިއަހަރު 12.4 އިންސައްތަ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ ފަތުރުވެރިކަން އިޔާދަވަމުން ދިއުމާއެކު ކަމަށް އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި އަގުތައް މައްޗަށް ދިއުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އަގުތައް މައްޗަށް ދިއުމުގެ ބިރު އޮތް ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ސަރުކާރުން އެތެރޭގެ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށް މިހާރުވެސް ސަބްސިޑީސް ޕްރޮގްރާމުތައް ޖުމްލަކޮށް ހިންގިނަމަވެސް މިއީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ޖަމާޢަތުން ދެކެވެ. މިކަމުގައިވެސް ޓާގެޓެޑް ސަބްސިޑީސް ޕްރޮގްރާމެއް ހިންގުމަށް ވޯލްޑް ބޭންކުން ލަފާދެއެވެ. އަދި މިފަދަ ވަގުތީ ފިޔަވަޅުތަކުން ޙަރަދުތައް މިވަގުތަށް ފޫ ބެއްދުނަސް ކުރިއަށް އޮތީ އިންތިޙާބުގެ އަހަރުކަމުން ޙަރަދު އިތުރުވެ މިފިޔަވަޅު ތަކުގެ ބޭނުން ނެތިދާނެ ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

ޒެވަރޯސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިޤްޞާދު ރަނގަޅު ވަމުން ދިޔަ ނަމަވެސް، ރާއްޖޭގެ ދަރަނި މޭނޭޖް ކުރުމުން ނޫނީ ދައުލަތުގެ މަލީ ޙާލަތު ދެމެހެއްޓެނިވިއެއް ނުދާނެއެވެ.

ދުނިޔޭގެ މާލީ ގިނަ އިދާރާތަކުން ރާއްޖޭގައި ޓެކްސް ބޮޑު ކުރަން ލަފާ ދީފައިވާއިރު ސަރުކާރުން ޓެކްސް ބޮޑު ކުރުމަށް މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މަޖިލީހުގައި ބިލަށް ވޯޓަށް އެހުން ދަނީ ފަސްވަމުންނެވެ. މި މައްސަލައިގައި ސަރުކާރަށް ތާޢީދު ކުރާ މެންބަރުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.