Last Updated: June 9, 10:56
Tuesday, June 9, 2026
ޚަބަރު

ނިރުފެހިގެ ސާފު ކުރަނިކޮށް ފައިތިލައެއް ފެނިއްޖެ

މިދިޔަ ހަފްތާ ބުދަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ގެ ސާފު ކުރަމުން ދަނިކޮށް މީހެއްގެ ފައިތިލިއެއް ފެނިއްޖެ އެވެ.

މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ ނިރުފެހި ގެ ސާފު ކުރަނިކޮށް ކުނިތަކުގެ ތެރެއިން މީހެއްގެ ފައިތިލައެއް މިއަދު ފެނިފައިވާ ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިފައިތިލަ އަކީ އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ފައިތިލަތޯ ނުނީ އެހެން މީހެއްގެ ފައިތިލަތޯ ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނިރުފެހި ގޭގައި ރޯވެ ހިނގި އަލިފާނުގައި ހާދިސާގައި 10 ބިދޭސީއެއް ވަނީ މަރުވެފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިގޮތަށް ހިނގި އަލިފާނުގެ ހާދިސާއެއްގައ އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. މި ހާދިސާއާއި ގުޅިގެން ސަރުކާރުން މި ގެ ތަޅާ ސާފުކުރުމަށް ނިންމާފައިވާއިރު، މިމަސައްކަތް ކުރަނީ ޕްލޭނިންގް މިނިސްޓްރީގެ ދަށުގައި އޮންނަ ޕަބްލިކް ވޯކްސްއިންނެވެ.

މ. ނިރުފެހިގޭގައި ރޯވި އަލިފާނުގެ ހާދިސާއާއި ގުޅިގެން ފުލުހުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، އެ ގޭގައި އަލިފާން ރޯވީ ގަރާޖު ތެރެއިން ކަމަށާއި މަތީގައި ބިދޭސީން ދިރިއުޅެމުން ދިޔަ ތަނަށް އަލިފާން ގަނޑު ފެތުރެން ނެގީ އެންމެ ދޮޅު މިނިޓެއްހާ ވަރު ކަމަށެވެ.

މި ހާދިސާ ފުލުހުން ތަހުޤީޤު ކުރަމުންދާއިރު މި އަލިފާން ސީދާ ރޯވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައި ނުވެއެވެ.