އަންނަ އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގައި ފެންނާނެ އެންމެ ހަނގު ކުޅުންތެރިއަކަށް ޖަރުމަނުގެ ޒުވާން ފޯވާޑް ޔޫސޮފާ މޫކޮކޯ ވެއްޖެ އެވެ.
ވޯލްޑް ކަޕްގައި ވާދަކުރާ 32 ޓީމުގެ ސްކޮޑް މިހާރު އިއުލާންކޮށްފައިވާއިރު، މުބާރާތުގައި ފެންނާނެ އެންމެ ހަނގު ކުޅުންތެރިޔަކަށް ވެގެން ގޮސްފައި ވަނީ އުމުރުން 17 އަހަރުގެ މޫކޮކޯ އެވެ.
ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ މޫކޮކޯ އަށް ވޯލްޑް ކަޕަށް ނެގި ޖަރުމަނުގެ 26 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ލިބުނު އިރު މިއީ އެޓީމަށް އޭނާ ނެގި ފުރަތަމަ ފަހަރުވެސް މެ އެވެ. މި ސީޒަނުގައި ޑޯޓްމަންޑްގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު މޫކޮކޯ އަށް ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކެއްގެ ލޯ ވަނީ އަމާޒުވެފަ އެވެ. އޭނާ ވަނީ މި ސީޒަނުގެ ޖަރުމަނު ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުގައި ހަ ގޯލް ކާމިޔާބުކޮށްފަ އެވެ.
ވޯލްޑް ކަޕަށް ދާން ފުރުސަތު ލިބުމުން މޫކޮކޯ ބުނީ އެކަން ގަބޫލުކުރަން ވެސް އުނދަގޫވި ކަމަށާއި މިދިޔަ އަހަރު އަނިޔާ އާއި ކުޅެން ލިބުނު ފުރުސަތުތައް މަދުވުމާއެކު މަންޒަރުން އެއްކޮށް ހުރީ ބާކީވެފައި ކަމަށެވެ. ނަމަވެސް އަބަދުވެސް ހުރީ ޕޮޒިޓިވް ވިސްނުމެއްގައި ކަމަށާއި އަދި އަމިއްލަ ނަފްސަށް އިތުބާރު ކުރުން ހުއްޓާނުލާ ކަމަށްވެސް މޫކޮކޯ ބުންޏެވެ.
ވޯލްޑް ކަޕުން ފެންނާނެ އެންމެ ހަނގު ކުޅުންތެރިއަކަށް މޫކޮކޯ ވެގެން ގޮސްފައިވާއިރު މުބާރާތުގެ ފެންނާނެ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރި އަކީ މެކްސިކޯގެ ގޯލްކީޕަރު އަލްފްރެޑޯ ޓަލަވޭރާ ޑިއާޒް އެވެ. އޭނާގެ އުމުރަކީ 40 އަހަރެވެ.