ވޯލްޑް ކަޕުން މިފަހަރު ފެންނާނެ އެންމެ ފާހަގަކޮށްލެވޭ ދެ ބެއިންނަކީ އިނާކީ ވިލިއަމްސް އަދި ނިކޯ ވިލިއަމްސް އެވެ. މިއީ ދެ ބެއިން ކަމަށްވީ ނަމަވެސް މި ދެ ކުޅުންތެރިން މިފަހަރުގެ ވޯލްޑް ކަޕުން ފެންނާނީ ތަފާތު ދެ ޓީމަކުންނެވެ. އެގޮތުން އިނާކީ ފެންނާނީ ގާނާ އިން ކަމަށްވާއިރު ނިކޯ ފެނިގެންދަނީ ސްޕެއިނުންނެވެ.
އިނާކީ އަދި އޭނާގެ ކޮއްކޮ، ނިކޯ އުފަން ވެފައިވަނީ ސްޕެއިނަށް ކަމަށްވާ އިރު އެ ދެ ކުޅުންތެރިންގެ މައިންބަފައިން ނިސްބަތްވަނީ ގާނާ އަށެވެ. އިނާކީ ބުނިގޮތުގައި ގާނާ ދޫކޮށް ރަނގަޅު ދިރިއުޅުމެއް ހޯދަން އޭނާގެ މައިންބަފައިން ސްޕެއިނަށް އުނދަގޫ ދަތުރެއް ފެށިއިރު އޭރު އޭނާގެ މަންމަ ހުރީ ވިހަން ގާތްވެފަ އެވެ.
ސްޕެއިނަށް އެތެރެވާން އުޅެނިކޮށް މައިންބަފައިން ހައްޔަރުކުރި ނަމަވެސް ފަހުން ދޫކޮށްލީ ލައިބީރިޔާގެ ދާހިލީ ހަނގުރާމައިން ސަލާމަތްވާން އައި ބައެއް ކަމަށް ބުނުމުން ކަމަށް އިނާކީ ހާމަކުރެ އެވެ. އެގޮތުން އިނާކީ އާއި ނިކޯ އުފަންވީ ސްޕެއިންގެ ބަސްކޭ ރީޖަނަށް ކަމަށްވާއިރު އެ ދެ ކުޅުންތެރިން ކުޅެމުން އަންނަނީ ވެސް އެ ރީޖަނަށް ނިސްބަތްވާ އެތްލެޓިކް ބިލްބާއޯ އަށެވެ.
އިނާކީ ،28، ކަމަށްވާއިރު އޭނާ ސްޕެއިންގެ ގައުމީ ޓީމަށް އެކުވެރިކަމުގެ މެެޗެއް 2016 ވަނަ އަހަރު ކުޅެދިން ނަމަވެސް އޭގެފަހުން އިނާކީ އެޓީމަށް ނަގާފައެއް ނުވެ އެވެ. ސްޕެއިނަށް ވާދަވެރި މެޗެއް ކުޅެދީފައި ނުވާތީ އިނާކީ އަށް ގާނާގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އޮތްއިރު އޭނާ އެ ފުރުސަތު ބޭނުން ހިފާ މިއަހަރުގެ ޖުލައި މަހު ވަނީ ގާނާ އަށް ކުޅެން ތައްޔާރަށް ހުރިކަން ހާމަކޮށްފަ އެވެ. އެގޮތުން ގާނާއާއެކު އިނާކީ ވަނީ އެކުވެރިކަމުގެ ދެ މެޗެއް މިދިޔަ ސެޕްޓެމްބަރުގައި ކުޅެފަ އެވެ.
މި ސީޒަނުގައި ބިލްބާއޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިކޯ ،20، އެންމެ ފުރަތަމަ ވިދާލީ ސްޕެއިންގެ 18 އަދި 21 އަހަރުން ދަށުގެ ޓީމުންނެވެ. އަދި ސްޕެއިންގެ ސީނިއާ ގައުމީ ޓީމުން ނިކޯ އަށް ފުރުސަތު ދޭން އެޓީމުގެ ކޯޗު ލުއިސް އެންރީކޭ ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ނިކޯ އަކީ ސްޕެއިންގެ ސްކޮޑުގައި މިފަހަރު ހިމެނޭ އެންމެ ޒުވާން އެއް ކުޅުންތެރިޔާ އެވެ.
ވޯލްޑް ކަޕްގައި ސްޕެއިން އާއި ގާނާ ހިމެނެނީ މުޅިން ތަފާތު ދެ ގްރޫޕެއްގައި ކަމަށްވާއިރު ކުއާޓާފައިނަލްގެ ކުރިން މި ދެ ޓީމު ޖެހުމުގެ ފުރުސަތެއް ނެތެވެ. ނަމަވެސް ދެ ކުޅުންތެރިން ވެސް ތިބީ ވޯލްޑް ކަޕްގައި ގާނާ އާއި ސްޕެއިން ބައްދަލުކުރަން ޖެހޭނެ ކަމުގެ އުއްމީދުގަ އެވެ.