Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

އެންކުންކޫ އަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލިއްޖެ

އަނިޔާގެ ސަބަބުން އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގް، ކްރިސްޓޮފާ އެންކުންކޫ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

އެންކުންކޫ ،25، ގެ ފަޔަށް އަނިޔާވެފައިވަނީ ފްރާންސުން ރޭ ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެ އަނިޔާގެ ސަބަބުން އެންކުންކޫ އަށް ވޯލްޑް ކަޕްގައި ނުކުޅެވޭއިރު އޭނާގެ ބަދަލުގައި ސްކޮޑަށް ނަގާނެ ކުޅުންތެރިއަކު އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

އެންކުންކޫ އަކީ މި ސީޒަނުގައި ޖަރުމަނު ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އެވެ. އެގޮތުން އޭނާ ވަނީ ލީގުގައި ކުޅުނު 15 މެެޗުގައި 12 ގޯލް ކާމިޔާބުކޮށްފަ އެވެ.

އެންކުންކޫ އަކީ ފްރާންސްގެ ސްކޮޑަށް ނެގިފަހުން އަނިޔާގެ ސަބަބުން ބާކީ ކުރަން ޖެހުނު ދެވަނަ ކުޅުންތެރިޔާ އެވެ. މީގެކުރިން އަނިޔާގެ ސަބަބުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޕްރެސްނަލް ކިމްޕެމްބޭ ވެސް ވަނީ ސްކޮޑުން ބާކީކޮށްފަ އެވެ. އޭނާގެ ބަދަލުގައި ސްކޮޑަށް ނެގީ މޮނާކޯގެ ޑިފެންޑަރު އެކްސެލް ޑިސާސީ އެވެ.

ފްރާންސަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާއިރު ގަތަރަށް ދިޔުމަށް އެޓީމުން މިއަދު ފުރާނެ އެވެ.

ވޯލްޑް ކަޕްގައި ފްރާންސް މިފަހަރު ލައްވާލާފައިވަނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިޔާއާއެކު ގްރޫޕް ޑީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ފްރާންސް ބައްދަލުކުރާނީ އޮސްޓްރޭލިޔާއާ އެވެ.