އިންގްލެންޑަށް މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް އެޓީމުގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.
އިންގްލެންޑަށް އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީ 1966 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން އެޓީމަށް ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އިންގްލެންޑުން ވަނީ ސެމީފައިނަލާ ހިސާބަށް ދަތުރުކޮށްފަ އެވެ.
ވޯލްޑް ކަޕަށް އިންގްލެންޑްގެ ސްކޮޑް އިއްޔެ ގަތަރަށް ގޮސްފައިވާއިރު ކޭން ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށާއި މިއީ މީގެކުރިން މީހުން ބުނަން ޖެހިލުންވާ ވާހަކައެއް ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު އައި އެންމެ ބޮޑު އެއް ބަދަލަކީ ވެސް މުބާރާތެއް އިންގްލެންޑަށް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން ކެރުން ކަމަށްވެސް ކޭން ބުންޏެވެ.
"އަހަރުމެން ވޯލްޑް ކަޕަށް މިދަނީ މި މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރާތީ. އެހެން ގޮތަކަށް ވިސްނުމަކީ އެއީ ގޯހެއް. ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުނުކޮށް މުބާރާތަށް ދިޔުމުގެ މާނައެއް ނެތް." ކޭން ބުންޏެވެ.
ކޭން ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރުން ވާނީ އުނދަގޫ ކަމަކަށް ކަމަށާއި އެކަމަށްޓަކާ ބުރަކޮށް މަސައްކަތް ކުރަންޖެހޭއިރު ނަސީބު ވެސް ކޮންމެވެސް ވަރަކަށް އެހީވާންޖެހޭ ކަމަށެވެ. އަދި އެންމެ މުހިއްމީ މުބާރާތެއް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން ކެރުން ކަމަށް އޭނާ ބުންޏެވެ.
ވޯލްޑް ކަޕްގައި އިންގްލޭންޑް ލައްވާލާފައިވަނީ އެމެރިކާ، އިރާން އަދި ވޭލްސްއާ އެކު ގްރޫޕް ބީ ގަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު އިންގްލޭންޑް ނިކުންނާނީ އިރާންއާ ދެކޮޅަށެވެ.