Last Updated: July 28, 11:30
Tuesday, July 28, 2026
މުނިފޫހިފިލުވުން

ޕާކިސްތާނުން "ޖޯއިލޭންޑް" މަނާކޮށްފި

އަންނަ އަންނަ އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ޕާކިސްތާނުން ފޮނުވަން ނިންމި ފިލްމު "ޖޯއިލޭންޑް" އެ ގައުމުގައި ދެއްކުން މަނާކޮށްފި އެވެ.

އެ ފިލްމު ޕާކިސްތާނުގައި ޕްރީމިއާކުރަން ހަމަޖެހިފައި އޮތީ މި މަހުގެ 18 ގަ އެވެ. "ޖޯއިލޭންޑް" އަކީ މެދުފަންތީގެ އާއިލާއެއްގެ ޒުވާނަކު ޓްރާންސްޖެންޑާ އަންހެން ނެށުންތެރިއަކާ ކައިވެނިކުރުމުން ދިމާވާ ހާދިސާތަކެއް ދައްކުވައިދޭ އެއްޗެކެވެ. ސާއިމު ސާދިގް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ރަސްތީ ފާރޫގް، އަލީނާ ޚާން، ސަރުވަތު ގިލާނީ، ސަލްމާން ޕީރްޒާދާ، ސޮހައިލް ސަމީރް، ސާނިއާ ސައީދު އަދި އަލީ ޖުނެޖޯ އެވެ.

"ޖޯއިލޭންޑް" ޕާކިސްތާނުގައި ދެއްކުން މަނާކުރި އިރު، މިދިޔަ އޮގަސްޓް މަހުގެ އެ ގައުމުގެ ޕްރޮވިންޝަލް އަދި ސެންޓްރަލް ސެންސަރު ބޯޑުން ފިލްމު ފާސްކޮށް ދީފައިވެ އެވެ. އެކަމަކު ފިލްމު އާންމުކޮށް ސިނަމާތަކުގައި އެޅުވުމަށް މައި ސަރުކާރުން ދޭ ރަސްމީ ހުއްދަ ވެސް ބޭނުންވެ އެވެ.

ފިލްމު މަނާކުރަން ނިންމީ ދީނީ ޕާޓީއެއް ކަމަށްވާ ޖަމާއަތޭ އިސްލާމީ (ޖޭއައި) ގެ އިން ފިލްމާ ދެކޮޅަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން "ޖޯއިލޭންޑް" އަކީ މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޕާކިސްތާނުގެ އާންމު މިންގަނޑަށް ނުފެތޭ ފިލްމެއް ކަމަށް ބުނެފައިވެ އެވެ. އެ ޕާޓީގެ ސެނެޓް މެމްބަރު މުސްތާހް އަހުމަދު ޚާން ވިދާޅުވީ ފިލްމު ދެއްކުމުގެ ހުއްދަ ޕާކިސްތާނުގައި ދީގެން ނުވާނެ ކަމަށާއި އެ ފިލްމަކީ އިސްލާމީ ގިއުގަނޑާއި އާންމު އުސޫލުތަކާ ހިލާފު ވާހަކައަކަށް ހަދާފައިވާ އެއްޗެއް ކަމަށެވެ.

މިކަމާ ގުޅިގެން ސަރުކާރަށް ކުރިމަތިވި ޕްރެޝަރުތަކާ ހެދި "ޖޯއިލޭންޑް" ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ފިލްމުގެ މައްސަލަ ބަލަން އަށް މެމްބަރުންގެ ކޮމިޓީއެއް ހޯމަ ދުވަހު އެކުލަވާލި އެވެ. އަދި ކޮމިޓީން އިއްޔެ ވަނީ އެކަމާ ގުޅޭ ރިޕޯޓެއްގައި ހުށަހަޅައި ފިލްމު މަނާކުރަން ފެންނަ ކަމަށް ބުނެފަ އެވެ.

މި ނިންމުމާ ބެހޭ ގޮތުން "ޖޯއިލޭންޑް" ގެ ޑައިރެކްޓަރު ސާއިމު ބުނީ އެކަމާ މެދު ވަރަށް ހިތާމަކުރާ ކަމަށެވެ. އަދި ސަރުކާރުގެ ނިންމުމާ ދެކޮޅަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުންޏެވެ.

ފިލްމު މަނާކުރުމާ ގުޅިގެން ބައެއް މީހުން އެ ނިންމުމަށް ޓްވިޓާގައި ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައިވެ އެވެ.

"ޖޯއިލޭންޑް" އަކީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލާއި ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގެ އިތުރުން ބުސާން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކޮށް، ކްރިޓީކުންގެ ތައުރީފު ލިބުނު ފިލްމެކެވެ.

އަންނަ އަހަރުގެ މާޗް 12 ގައި ބާއްވާ 95 ވަނަ އޮސްކާގެ ފައިނަލް ނޮމިނޭޝަންތައް އިއުލާންކުރާނީ ޖެނުއަރީ 24 ގަ އެވެ.