މެދުޒިޔާރާތުގައި ދިދަ ނަގަން ނިންމާފައި ވަނީ ވަކި ދުވަސްތައް ފާހަގަކުރުމަށް ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާ ގެ މެންބަރު މުހައްމަދު ވަހީދު ވަނީ މެދުޒިޔާރަތުގައި ދިދަ ނެގުމަށްފަހު އެދުވަހު ހަވީރު ދިދަ ބޭލީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ މިފަހަކަށްއަައިސް މެދުޒިޔާރަތުގައި ޒީނަތްތެރިކުރުމުގެ ގިނަ ކަންތައްތަކެއް ކުރެވިގެންދިޔަ ކަމަށެވެ. މެދު ޒިޔާރަތުގައި ދިދަ ނަގަންވެސް ނިންމާފައިވަނީ އެގޮތުގެ މަތިން ކަމަށް ވިދާޅުވިއެވެ.
"އެހެންނަމަވެސް ދިދަ ނަގަން ނިންމާފައިވަނީ ވަކި ދުވަސްދުވަހާ ގުޅިގެން ވަކި މުނާސަބަތުތަކާ ގުޅިގެން." މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ ޖުމްހުރީ ދުވަހު ދިދަ ނެގީ އެގޮތުގެ މަތިން އެ ދުވަސް ފާހަގަ ކުރުމަށް ކަމަށާއި އެ ދުވަހު ހަވީރު ދިދަ ތިރިކުރި ކަމަށެވެ.
މެދުޒިޔާރަތުގައި ދާއިމީ ގޮތަކަށް ދިދަ ނަގާފައި ބެހެއްޓުމަކީ މާލީގޮތުންވެސް އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި އަދި ކުރީގެ އާދަކާދައަށް ބަލާއިރުވެސް އެއީ ފަސޭހަކަމެއް ނޫން ކަމަށެވެ.
މެދުޒިޔާރަތުގައި ދިދަ ނެގުމުން ބައެއް ދީނީ އިލްމުވެރިން ވަނީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.