Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ޓެކްސް ބޮޑުކުރާ ބިލަށް ބަހުސްކޮށް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މައްސަލަ ބޮޑުވެފައިވާ ޓެކްސް ބޮޑުކުރުމުގެ ބިލަށް ބަހުސްކޮށް ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް ނިންމާލައިފައެވެ. އެ ބަހުސް ނިމުމުން ވަނީ އެ އިސްލާހުގެ ތިން ވަނަ ކިޔުން އިއްވާފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ވޯޓަށް އަހާ ގަޑީގައި އެބިލަށް ވޯޓަށް އަހާނެ ކަމަށެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ދެ ދުވަހުގެ ޖަލްސާގައި ވޯޓަށް ނޭހުމުން މަޖިލީހުގެ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ އެކަމުގައި ރިޔާސަތަށް ނުރުހުން ފާޅުކޮށްފައެވެ. އަދި އިއްޔެގެ ޖަލްސާއަށްފަހު މެމްބަރުން ވަނީ ރައީސް ނަޝީދު މަޖިލިސް ގަވައިދާ ހިލާފަށް ގެންދަވާކަމަށްބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރުމަށް މުލިއާގެއަށްވެސް ގޮސްފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާއިރު، އެ އިސްލާހު ދެން ފާސްކުރަންޖެހޭނީ މަޖިލީހުގެ ތަޅުމުންނެވެ. އެ ގާނޫނަށް އަމަލުކުރަން ފެށޭނީ އޭގެފަހުން ރައީސް އެ ބިލު ތަސްދީގު ކުރެއްވުމުންނެވެ.

ޤާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރާ ސަބަބެއްގެ ގޮތުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ހަރަދު، ދައުލަތަށް ލިބޭ އާމްދަނީން ހަމަޖެއްސުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކަމަށެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން އިސްލާހު ހުށަހެޅުމުން އިދިކޮޅު މެމްބަރުންނާއި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.