Last Updated: July 28, 11:30
Tuesday, July 28, 2026
މުނިފޫހިފިލުވުން

މާގޯގެ "ޕައިރޭޓްސް" ސްޕިންއޮފް ނަހަދާނެ؟

ޖޯނީ ޑެޕް ކުޅުނު ޑިޒްނީގެ މަގުބޫލު "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ފްރެންޗައިޒްގެ ސްޕިންއޮފެއްގެ ގޮތުގައި ބަތަލާ މާގޯ ރޮބީއާ އެކު މީގެ ދެ އަހަރު ކުރިން އިއުލާންކުރި ފިލްމު ނަހަދަން ނިންމައިފި އެވެ.

ކްރިސްޓީނާ ހޮޑްސަންގެ ސްކްރީންޕްލޭއަކަށް ފިލްމު ހަދަން ނިންމިކަން އިއުލާންކުރީ 2020 ގެ ޖޫން މަހުގެ ތެރޭގަ އެވެ. ކްރިސްޓީނާ އަކީ އަހަރު ރިލީޒްކުރި މާގޯގެ "ބާޑްސް އޮފް ޕްރޭ" ގެ ވެސް ސްކްރީން ރައިޓެވެ.

މާގޯގެ "ޕައިރޭޓްސް" ނަހަދާ ވާހަކަ ބުނެފައި ވަނީ އޮސްޓްރޭލިއާ އަށް އުފަން 32 އަހަރުގެ ބަތަލާ ވެނިޓީ ފެއާ އަށް ދިން އިންޓަވިއުއެއްގަ އެވެ. އޭނާ ބުނީ 2020 ގައި ފިލްމު އިއުލާންކުރުމަށް ފަހު އެއާ ގުޅޭ ބައެއް މަސައްކަތްތައް ޑިޒްނީން ކުރި ނަމަވެސް މިހާރު އެތަނުން އެ ފިލްމު ހެދުމުގެ ހުއްޓާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

"ހިއެއްނުވޭ މިހާރު އެ މީހުން އެ ފިލްމު ހަދަން ބޭނުންވާހެނެއް." މާގޯ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަތަލާއަކަށް ބިނާކޮށް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ސްޕިންއޮފެއް ހެދުމަކީ ކުރިން ވަރަށް ޖޯޝާ އެކީގައި ފެށުނު މަސައްކަތަކެވެ. އެކަމަކު ފަހުން އެއާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް ބުންޏެވެ. އަދި މިކަމާ ބެހޭ ގޮތުން ޑިޒްނީން ވަކި އެއްޗެއް އަދި ނުބުނެ އެވެ.

ޑެޕާ އެކީ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ފަސް ފިލްމެއް ގެނެސް ދީފައިވެ އެވެ. އަދި މީގެ ހަ ވަނަ ފިލްމެއްގެ ވާހަކަ ވެސް ދެކެވިފަ އެވެ.

"ޕައިރޭޓްސް އޮދް ކެރީބިއަން" އަކީ 2003 ގައި ގެނެސްދޭން ފެށި ވަރަށް ކާމިޔާބު ފްރެންޗައިޒެކެވެ. މީގެ ފަސް ވަނަ ފިލްމު "ޑެތު މެން ޓެލް ނޯ ޓޭލްސް" ރިލީޒްކުރީ 2017 ގަ އެވެ. ފަސް ފިލްމަށް ބޮކްސް އޮފީހުގައި 4.524 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މާގޯގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ޕީރިއަޑް ކޮމެޑީ ތުރިލާ "އެމްސްޓަޑަން" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބެބިލޯން"، "ބާބީ" އަދި "އެސްޓްރޮއިޑް ސިޓީ" ހިމެނެ އެވެ.