ޑިސެމްބަރު 16 ވަނަ ދުވަހު އޮލިމްޕަސް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޮލިމްޕަސް ހުޅުވުން ލަސްވެއްޖެކަން ގަބޫލުކުރާ ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ އޮލިމްޕަސް ހުޅުވޭނެ ދުވަހަކާ ގުޅޭގޮތުން މިނިސްޓަރު ޔުމްނާއާ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވެއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެކަން ދިމާވީ އޮލިމްޕަހަށް ބޭނުންވާ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގެނައުމުގައި ލަސްތަކެއް ދިމާވެގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ތަކެތި ގެނައުމަށް ހަވާލުކުރި ފަރާތުން ތާރީހުތަކެއް ދިނުމަށްފަހު އެތަކެތި ނުގެނެވޭނެކަން އެންގި ކަމަށާއި، އެހެންކަމުން ފަހުން އެހެން ބަޔަކާ ހަވާލުކޮށްގެން އެމަސައްކަތް ކުރެވުނު ކަމަށެވެ.
މިނިސްޓަރު ޔުމްނާ ވިދާޅުވީ އޮލިމްޕަސް ނިމޭއިރު ޒަމާނީ އެކި ވަސީލަތްތައް އެތަނުގައި ހުންނާނެ ކަމަށާއި، އަދި އާޓިސްޓުންނަށް ބޭނުންކުރެވޭގޮތަށް އެތަން ތަރައްގީ ކުރެވޭނެ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޑިސެމްބަރު 16 ވަނަ ދުވަހު އޮލިމްޕަސް ހުޅުވާލުމުގެ ހަފްލާއެއް ބޭއްވޭތޯ އެކަމަށް ތައްޔާރުވަމުން." މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
އޮލިމްޕަސް ހުޅުވުމަށް މީގެކުރިން މިނިސްޓްރީން އެކި ތާރީހުތައް ދީފައިވާއިރު އެ ތާރީހުތަކަށް ނުހުޅުވުމުގެ ސަބަބުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން މިފަހުން މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންވެސް ވަނީ ސޯޝަލްމީޑިއާގައި އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.
އޮލިމްޕަސް ބަންދުކޮށްފައިވަނީ 2020 ގެ މާޗް މަހުގެ ކުރީކޮޅުއެވެ.