Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރާއްޖޭގައި އިފޮޕްކާގެ ބައްދަލުވުން ފަށައިފި

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިޕިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ 45 ވަނަ ބައްދަލުވުން ރާއްޖޭގައި މިއަދު ފަށައިފި އެވެ.

ޕެރަޑައިސް އައިލޭންޑް ރިސޯޓްގައި މި ފެށި ބައްދަލުވުމަކީ އޭގެ މެމްބަރަކަށް ރާއްޖެ 2007 ގައި ފަހުން އިފޮޕްކާގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއީ ކޮންމެ އަހަރަކު ވެސް ސަރަޙައްދީ ފެންވަރެއްގައި ބާއްވާ އިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.

ރާއްޖޭގައި ބާއްވާ އިފޮޕްކާގެ 45 ވަނަ ބައްދަލުވުން ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 19 ހަމައަށެވެ. ރާއްޖޭން މި ބައްދަލުވުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ކޮންސްޓްރަކްޝަން ވިތު ކޮންޒަވޭޝަން: ބިލްޑް އަ ބެޓާ ވޯލްޑް" އެވެ.

ބައްދަލުވުން ފެއްޓުމުގެ ރަސްމިއްޔާތުގައި އިފޮޕްކާގެ މި ދައުރުގެ ރައީސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުޙައްމަދު އަލީ ޖަނާހް ވިދާޅުވީ، އިމާރާތްކުރާ އިރު ގުދުރަތީ މާހައުލު ނުގެއްލޭ ފަދަ ގޮތަކަށް މިކަން ކުރުމުގެ ވިސްނުންތައް ގެންގުޅެންޖެހޭ ކަމަށެވެ. އަދި މި އަހަރުގެ ޝިއާރު ނަގާފައި ވަނީ އެކަމަށް ސަރުކާރާއި އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެ މަގަށް މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ބާއްވާ އިފޮޕްކާގެ 45 ވަނަ ބައްދަލުވުމުގައި 22 ގައުމަކުން 400 އިންވެސްޓަރުން ބައިވެރިވެ އެވެ. މީގެ ތެރެއިން ރާއްޖެއިން ލިބެން އިންވެސްޓްމަންޓް ފުރުސަތުތަކާއި ރާއްޖޭގެ ޕޮޓެންޝިއަލް ދައްކާލާނެ ކަމަށް މަސީން ބުންޏެވެ.

ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި ރާއްޖޭގެ ވަޒީރުން ބައިވެރިވެ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ރާއްޖޭގައި އިންވެސްޓްކުރަންޖެހޭ ސަބަބުތައް ކިޔައިދެއްވާނެ އެވެ.