Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ޓެކްސް ބޮޑު ކުރަން މަޖިލީހުން ފާސްކޮށްފި

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދެއްވިއިރު ފާސްކުރުމަށް ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދީފައިވެއެވެ.

ޓެކްސް ބޮޑުކުރުގެ އިސްލާހަށް މެމްބަރުން ވޯޓުދިން ގޮތް–

ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ދެ ދުވަހުގެ ޖަލްސާގައި ވޯޓަށް ނޭހުމުން މަޖިލީހުގެ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ އެކަމުގައި ރިޔާސަތަށް ނުރުހުން ފާޅުކޮށްފައެވެ.

ޤާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރާ ސަބަބެއްގެ ގޮތުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ހަރަދު، ދައުލަތަށް ލިބޭ އާމްދަނީން ހަމަޖެއްސުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކަމަށެވެ.