ވިކީ ކޯޝަލްގެ އާ ފިލްމު "ގޯވިންދާ ނާމް މޭރާ" ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ.
މި ފިލްމަކީ ކުރިން މި އަހަރުގެ ޖޫން 10 ގައި ސިނަމާތަކަށް ގެނެސްދޭން ޕްލޭންކުރި ފިލްމެކެވެ. އެކަމަކު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިހާރު ނިންމާފައި މިއޮތީ ސިމަނާތަކުގެ ބަދަލުގައި ޑިޖިޓަލްކޮށް ފިލްމު ބެލުންތެރިންނަށް ދޫކޮށްލާށެވެ. އެކަމަކު އަދި ރަސްމީކޮށް ވަކި ތާރީހެއް ހާމައެއްނުކުރެ އެވެ. ފިލްމު ސްޓްރީމިން އަށް ދޫކޮށްލަން ނިންމިކަން އިއުލާންކުރީ ކަރަން އާއި ވިކީގެ ވީޑިއޯއަކުންނެވެ.
"ގޯވިންދާ ނާމް މޭރާ" އަކީ "ދަޅަކް" އާއި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެނެސްދިން ޝިޝާންކް ކައިތާން ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ބަތަލާއިންނަކީ ކިއާރާ އަދުވާނީ އާއި ބޫމީ ޕިޑްނޭކަރެވެ.
"ގޯވިންދާ ނާމް މޭރާ" އަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ބަތަލާ ކެޓްރީނާ ކައިފާ ވިކީ ކައިވެނިކުރި ފަހުން ރިލީޒްވާ އޭނަގެ ފުރަތަމަ ފިލްމެވެ.