ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 14 މެމްބަރަކު ވޯޓު ދީފިއެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން މިއަދު ވަނީ ޓެކްސް ބޮޑުކުރުމަށް ފާސްކޮށްފައެވެ. އެގޮތަށް ފާސްކޮށްފައިވަނނީ 55 މެމްބަރުން ވޯޓުންނެވެ. ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ޖުމުލަ 26 މެމްބަރުން ވޯޓު ދީފައިވެއެވެ.
ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވޯޓު ލާފައިވާ އެމްޑީޕީގެ މެމްބަރުން:
1) ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު
2) މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
3) ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
4) ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
5) މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
6) މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
7) މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
8) އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
9) ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
10) ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
11) މަދޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
12) ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
13) ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
14) ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުން ޓެކްސްގެ ބިލާ ދެކޮޅަށް ވޯޓު ދިންއިރު އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ އެ ބިލު ފާސްކުރުމަށް ތްރީ-ލައިން ވިޕެއް ނެރެފައެވެ.
ސަރުކާރުން ޓެކްސް ބޮޑު ކުރާ ސަބަބެއްގެ ގޮތުން ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، ދައުލަތުން ކުރަންޖެހޭ ރިކަރަންޓް ހަރަދު، ދައުލަތަށް ލިބޭ އާމްދަނީން ހަމަޖެއްސުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކަމަށެވެ.
އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.
ޓެކްސް ބޮޑުކުރުމަށް ސަރުކާރުން އިސްލާހު ހުށަހެޅުމުން އިދިކޮޅު މެމްބަރުންނާއި އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ވަނީ އެކަމަށް ފާޑުކިޔަމުންނެވެ.