މިއަދު ކުޅޭ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލު މެޗަށް އެފްސީ ބޭރުމަތި ނުކުންނާނީ ފުރަތަމަ މުބާރާތުގެ އުފުލި ތަށި އަލުން އުފުލަން ކަމަށް އެ ޓީމުން ބުނެފި އެވެ.
މިއަދު ހަވީރު 3:45 ގައި އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅޭ ފައިނަލް މިމެޗުގައި ބައްދަލު ކުރަނީ ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ބޭރުމަތި އަދި ދެވަނަ މުބާރާތުގެ ޗެމްޕިއަން ފޭދޫ ސްޕޯޓްސް އެވެ.
އައްޑޫސިޓީ ކައުންސިލުން އިންތިޒާމުކުރާ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ކުރީން ބޭރުމަތި ޓީމުން ބުނެފައި ވަނީ، އެ ޓީމު ނިކުންނަކީ ފޭދު އަކީ ތަޖުރިބާ ހުރި ވަރުގަދަ ޓީމެއް ކަން އެނގިގެން ކަމަށެވެ. އަދި ބޭރުމަތި އަބަދުވެސް މުބާރާތަށް ނުކުންނަކީ އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށާއި، މި ފަހަރުވެސް ފުރަތަމަ މުބާރާތުގައި އެ ޓީމުން ނެގި ތަށި އަލުން އުފުލޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށް ބުންޏެވެ.
ބޭރުމަތިން ބުނީ މުބާރާތަށް ނިކުތީ ދެ މަސް ދުވަހުގެ ޕްރެކްޓިހާ އެކީގައި ކަމުން ޓީމު ވަރަށް ބޮޑަށް ފައިނަލަށް ތައްޔާރުވެފައިވާ ކަމަށެވެ.
މި މުބާރާތުގައި ބޭރުމައްޗާއި ފޭދޫ ސްޕޯޓްސް ގްރޫޕް ސްޓޭޖުގައި ދެ މެޗެއް ކުޅެފައިވެ އެވެ. ފުރަތަމަ މެޗު ފޭދޫ ކާމިޔާބުކުރި އިރު، ދެވަނަ މެޗު ކާމިޔާބުކުރީ ބޭރުމަތިއެވެ.
އައްޑޫ ކައުންސިލުން ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނައަޕް ޓީމަށް 25،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފަ އެވެ. މުބާރާތުގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.
ކައުންސިލުން ވަނީ އަންނަ އަހަރުން ފެށިގެން މި މުބާރާތް އައްޑޫ ލީގަށް ބަދަލު ކުރުމަށް ނިންމައިފަ އެވެ.