Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ޓެކްސް ބޮޑުކުރުމަކީ މަސައްކަތަށް ލިބުނު އިތުރު ބާރެއް

މިނިސްޓަރު އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓެކްސް ބޮޑުކުރުމަކީ މަސައްކަތްތައް ބާރަށް ކުރިޔަށް ގެންދަން ލިބުނު އިތުރު ބާރަކަށް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ހުށަހެޅިގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ މިއަދުއެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ސަރުކާރު ފާއިތުވި އަހަރުތަކުގައި ދިމާވި، ބޮޑެތި އިޤްތިސާދީ ދަތިތަކުން އަރައިގަނެ ދުނިޔެއަށް މިސާލު ދައްކާފައިވާ ކަމަށެވެ. އެގޮތުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ، އިޖްތިމާއީ ތަރައްޤީގެ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް، ޓެކްސް ރޭޓްސް މަޖްލިހުން ފާސްވެގެން ދިޔުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ބާރަކަށް." އަމީރުގެ ޓްވީޓުގައިވެއެވެ.

ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދިންއިރު ފާސްކުރުމަށް ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދީފައިވެއެވެ.

ޤާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.