Last Updated: June 9, 09:41
Tuesday, June 9, 2026
ކުޅިވަރު

ތަށި ނޫން އެއްޗެއް ފޭދޫން ބޭނުމެއް ނެތް

ފޭދޫ ޓީމަށް ކުޅޭ އިބްރާހީމް މަހުދީ ސަޕޯޓަރުންތަކަކާ އެކީ. ފޮޓޯ: އަލީ ނާސިރު/ އައްޑޫ ލައިވް.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް މުބާރާތުގެ މިއަދުގެ ފައިނަލް މެޗަށް ފޭދޫ ނިކުންނަ އިރު އެންމެ ފަހުން ބޭއްވި މުބާރާތުގައި ލިބުނު ތަށި ދިފާޢު ކުރުން ނޫން ގޮތެއް ނެތް ކަމަށް އެ ޓީމުން ބުނެފި އެވެ.

އައްޑޫ ސްޓޭޑިއަމްގައި ހަވީރު 3:45 ގައި ފަށާ މެޗުގައި ބައްދަލު ކުރާނީ ކައުންސިލުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ބޭރުމަތި އަދި އެންމެ ފަހުގެ މުބާރާތުގެ ތަށި އުފުލި ފޭދޫ ސްޕޯޓްސް އެވެ.

އައްޑޫސިޓީ ކައުންސިލުގެ ތިން ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މިއަދު ހަވީރު ކުޅޭއިރު، ސެމީ ފައިނަލް މެޗަށް ފަހު ފޭދޫ ޓީމުން ބުނެފައި ވަނީ، ފައިނަލް މެޗަކަށް ވުމުން އެކަމުގެ ޕްރެޝަރު އޮންނާނެ ކަމަށެވެ. ނަމަވެސް މީގެ ކުރީން މިމުބާރާތުގައި ބޭރުމަތި އަތުން މޮޅުވެފައިވުމުން ރަނގަޅު ގޭމެއް ޖައްސައި މޮޅުވެވިދާނެ ކަމަށް އެ ޓީމުން ޤަބޫލުކުރެ އެވެ.

ފޭދޫ ޓީމް

ފޭދޫ ޓީމުން ބުނި ގޮތުގައި އެ ޓީމުން ދަނޑަށް ނިކުންނާނީ ތަށި ދިފާޢުކުރުމުގެ ވިސްނުން އެއްކޮށް ބޮލުގައި ބަހައްޓައިގެން ކަމަށެވެ. އަދި ފޭދޫން އެންމެ ފުރަތަމަ ވެސް ނިކުތީ ތަށި ދިފާޢު ކުރަންކަމަށާއި މެޗު ނިންމާލާނީ ވެސް އަޒުމާ އެކީ ކަމަށް ޓީމުން ބުންޏެވެ.

އައްޑޫ ކައުންސިލުން ވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. އަދި ރަނައަޕް ޓީމަށް 25،000ރ. ގެ ފައިސާގެ އިނާމު ހުށަހަޅާފަ އެވެ. މުބާރާތުގެ މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.

ކައުންސިލުން ވަނީ އަންނަ އަހަރުން ފެށިގެން މި މުބާރާތް އައްޑޫ ލީގަށް ބަދަލު ކުރުމަށް ނިންމައިފަ އެވެ.