Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ހުޅުދޫ/މީދޫ އަވަށު އޮފީސްތައް އެއް އިމާރާތަކަށް

އެސްޓީއޯ ހުޅުމީދޫ އިމާރާތް: ފޮޓޯ/ އައްޑޫ ލައިވް

ހުޅުދޫ އަދި މީދޫގެ އޮފީސް އެސްޓިއޯ އިމާރާތަށް ބަދަލު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ހުޅުމީދޫ ކައުންސިލަރު އަލީ މުހައްމަދު (އައްދު) ވިދާޅުވެއްޖެ އެވެ.

އައްދު ވިދާޅުވީ ދެ ރަށުގެ ރަށު އޮފީސް އެއް އިމާރާތަކަށް ބަދަލު ކުރުމުގެ ވިސްނުން ކުރީގެ ކައުންސިލުންވެސް ކޮށްފައިވާކަމަށެވެ. އަދި މިހަފްތާ ބަންދުތެރޭ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ހުޅުމީދޫ އަށް ވަޑައިގެން ދެރަށުގެ އޮފީހުގެ ވެރިންނާއި ބައްދަލުކޮށް މިކަމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ހުޅުމީދޫގެ އޮފީސް އެއް އިމާރާތަކަށް ބަދަލު ކުރުމަށް މިހާރުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އައްދު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އެއް އިމާރާތަކަށް ބަދަލުކޮށްގެން ވީހާވެސް ރަނގަޅަށް ހިދްމަތް ފޯރުކޮށްދިނުމަށެވެ.

ދެ ރަށުގެ މެދުގައި ހުންނަ އެސްޓިއޯ އިމާރާތުގެ 2 ވަނަ ފަންގިފިލާއަށް އޮފީސް ބަދަލު ކުރުމުގެ ވިސްނުމާއި ބެހޭ ގޮތުން އައްދު އިތުރަށް ވިދާޅުވީ، މީ ހަރަދު ކުޑަ ގޮތެެއް ކަމަށެވެ. އަދި އެލްޖީއޭއިން މިކަމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިކަމަށެވެ.

ހުޅުދޫ އާއި މީދޫގެ އޮފީސް ވަކިން ހިންގަމުން އަންނަ އިރު އެ ދެތަނުގެ ސެކިއުރިޓީއަށް މަހަކު 30 ހާސް ރުފިޔާ ވަރު ހޭދަކުރެއެވެ.

އައްދު ވިދާޅުވީ ދެ އިމާރާތް އެއްކޮށްލުމުން އެފަދަ އެތައް ހަރަދެއް ކުޑަވެގެންދާނެކަމަށެވެ. އެގޮތުން ބޭންކާއި، ސިއްހީ މަރުކަޒު އަަދި އިންޖީނުގެ، ދިރާގު ސްކޫލްފަދަ ހުރިހާ މުހިއްމު ތަނެއް އެއްސަރަހައްދެއްގައި ހުރުމުން އާއްމުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.