Last Updated: June 15, 00:02
Sunday, June 14, 2026
ޚަބަރު

ގަން އެއާޕޯޓް ތަރައްގީކުރަން ޖެނުއަރީގައި ހަވާލުކުރަނީ

އައްޑޫ ގަން އެއާޕޯޓް ތަރައްގީކުރަން އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެ އެއާޕޯޓްގެ ބީލަން މަރުހަލާ ފެށީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެގޮތުން ބީލަން ހުށަހަޅަން ދިން މުއްދަތު މި މަހުގެ 21 އާ ހަމައަށް ވާނެ އެވެ.

ސަރުކާރަށް ހަތަރު އަހަރުވުމާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްމްގައި ސަރުކާރުގެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ގަން އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަސްތެރޭ ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ.

"އައްޑޫގެ ޕްރޮޖެކްޓްތައް ހިތްހަމަޖެހޭ ވަރަކަށް އެބަ ކުރިއަށްދޭ. އެހެން ނަމަވެސް ކޮންމެ ސަރުކާރަކުން ވެސް ބޭނުންވާނެ އެ ސަރުކާރުގެ މުއްދަތުގެ ތެރޭގައި ނިމި ރައްޔިތުންނަށް ބޭނުންކުރެވޭ ހިސާބަށް ދިޔުން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެސް އުއްމީދުކުރީ އެގޮތަށް އެކަން ކުރެވޭނެ ގޮތެއް ވޭތޯ."

ގަން އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން އެ އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، އެތަން ތަރައްގީ ކުރަން ނިންމާފައ ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ.

އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ގަން އެއާޕޯޓް ތަރައްގީކުރެވުމުން ދެކުނު އިގުތިސާދީ ހަބަކަށްވާނެ އެވެ.