ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހާ އެއްކޮޅަށް ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވޯޓު ދިން މައްސަލައިގައި އޮންނަ އުސޫލުން އަމަލުކުރާނެ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމް ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ އިހުސާސްތަކާ ގުޅޭ ކަންކަމުގައި އިދިކޮޅުން މަޖިލީހުގެ ތެރޭގައިވެސް އަދި އެހެންގޮތްގޮތުންވެސް އަޑުއުފުލާ ވާހަކަ ދައްކާނެ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ޓެކްސް ބޮޑު ކުރުމުގެ ބިލާ ދެކޮޅަށް ވޯޓު ލުމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ މެމްބަރުން ތްރީ-ލައިން ވިޕެއް ނެރެފައިވާކަމަށާއި، އެެހެންނަމަވެސް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އެ ވިޕާ ހިލާފުވީ ކަމަށެވެ. އެމްޑީޕީންވެސް ވިޕެއް ނެރެފައިވަނިކޮށް އެއާ ދެކޮޅަށް އެ ޕާޓީގެ ބައެއް މެމްބަރުން ވެސް ވޯޓު ދިން ކަަމަށާއި އެއީ ޑިމޮކްރަސީގައި ކަން ހިނގާ ގޮތްކަމަށްވުން އެކަށީގެންވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެހެންނަމަވެސް އެކަމާގުޅިގެން އަޅުގަނޑުމެންގެ ޕާޓީންވެސް އޮންނަ އުސޫލުގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދާނަން. އަޅުގަނޑުމެން ޔަގީންކަން އަރުވަން ޕާޓީގެ ރޫހު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ޕާޓީ ވަރަށް ބަދަހިކަމާއެކު އޮންނާނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު އެ އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި ފާސްކުރުމަށް ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދީފައިވެއެވެ.
މި މައްސަލައިގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުން ވޯޓު ދީފައިވަނީ ޓެކްސް ބޮޑުކުރުމާ ދެކޮޅަށެވެ. އެހެންނަމަވެސް ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވޯޓު ދީފައިވަނީ ޓެކްސް ބޮޑު ކުރުމާ އެއްކޮޅަށެވެ.