Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

އާ ހޮސްޕިޓަލް ޑިޒައިން ކުރަން ރިޔަން އަށް

ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ރިޔަންއަށް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މަރިޔަމް ޝަކީލާ (ކ) އާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު އެއްބަސްވުން ބަދަލު ކުރައްވަނީ.ފޮޓޯ: ހަވީރު

ހިތަދޫގައި އިމާރާތް ކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތެއްގެ ގޮތުން ހޮސްޕިޓަލް ޑިޒައިން ކުރުމަށް 4.5 މިލިއަން ރުފިޔާއަށް މަޝްހޫރު ޑިޒައިނިން ކުންފުނި ރިޔަން ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ. އަދި ރިޔަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަމީޝް އެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ޝަކީލާ ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލް ޑިޒައިންކޮށް ޓެންޑާ ޑޮކިއުމެންޓް ވެސް ތައްޔާރުކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޝަކީލާ ވިދާޅުވި އެވެ.

ޝަކީލާ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތަކީ 2012 ވަނަ އަހަރުން ފެށިގެން ކުރަމުން ދިޔަ މަސައްކަތެއް ކަމަށާއި ތަފާތު ސަބަބުތަކާ ހެދި މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ކަމަށެވެ.

ހިތަދޫ ހޮސްޕިޓަލަކީ ސައޫދީ ފަންޑުން ދީފައިވާ 12.5 މިލިއަން ޑޮލަރާއި އޯޕެކް ފަންޑް ފޯ ނޭޝަނަލް ޑިވްލޮޕްމަންޓް (އޯފިޑް) އިން ދީފައިވާ 8.5 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ތަރައްޤީ ކުރުމަށް ނިންމާފައިވާ ހޮސްޕިޓަލެކެވެ.

ޝަކީލާ ވިދާޅުވީ ކުރެހުން ނިމި ތިން މަސްދުވަހުގެ ތެރޭ އިމާރާތް ބިޑަށް ލެވޭތޯ މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސައްކަތް ހަވާލު ކުރާތާ 18 މަސް ދުވަހުން ހޮސްޕިޓަލްގެ މަަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ހިތަދޫ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވަނީ މިހާރު ތަރައްޤީ ކުރަމުން އަންނަ ހިތަދޫ ޒޯން ސްޓޭޑިއަމް ސަރަހައްދުގައިވާ ބިމުގައެވެ. ނަމަވެސް ކައުންސިލްގެ ވިސްނުން ހުރީ ހޮސްޕިޓަލް އަޅާ ބިން ކުރީގެ ޕޮލިސް ޓްރޭނިން ސްކޫލް ހުރި ބިމަށް ބަަދަލު ކުރުމަށެވެ.