Last Updated: July 28, 11:30
Tuesday, July 28, 2026
މުނިފޫހިފިލުވުން

ރަންބީރްގެ ދަރިފުޅުގެ ނަން ރިޝީގެ ނަމާ ގުޅުވާފައި

ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރްގެ ދަރިފުޅަށް ނަން ދޭނީ ބައްޕަ ރިޝީ ކަޕޫރްގެ ނަމާ ގުޅުވައިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރަންބީރާއި އާލިއާ ބަޓަށް އަންހެން ކުއްޖަކު ލިބުނީ މި މަހުގެ 6 ގަ އެވެ. އޭގެ ފަހުން ވަރަށް ގިނަ ފޭނުން އަންނަނީ އެ ކުއްޖާގެ ނަމަށް އިންތިޒާރުކުރަމުންނެވެ. މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ދަރިފުޅަށް އަލްމާ ކިޔަން ވެސް ވާހަކަ ދެކެވިފައިވެ އެވެ.

ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކުއްޖާ އަށް ނަން ދޭން ނިންމާފައި ވަނީ ކާފަ ރިޝީގެ ނަމާ ގުޅުވައިގެން، ރިޝީ އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގަ އެވެ. އަދި އެގޮތަށް ދަރިފުޅަށް ނަން ދޭން ރަންބީރާއި އާލިއާ ނިންމާފައިވާތީ ރަންބީރްގެ މަންމަ ނީތޫ ސިންގް ވަރަށް ޖަޒުބާތީ ވެސް ވެފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ. އެހެންވެ މާ ލަސްތަކެއް ނުވެ ރަސްމީކޮށް ދަރިފުޅުގެ ނަން އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ރިޝީ ވަނީ ލޭގެ ކެންސަރު ބަލީގައި އެޕްރީލް 29، 2020 ގައި މަރުވެފަ އެވެ. ރަންބީރްގެ ދަރިފުޅު އުފަންވީ ރިޝީ މަރުވި ހޮސްޕިޓަލް ކަމަށްވާ މުމްބާއީގެ ރިލައިންސް ފައުންޑޭޝަން ހޮސްޕިޓަލް ގަ އެވެ.