ޝަރަފުއްދީން ސްކޫލްގެ ޕީޓީއޭއިން އިންތިޒާމް ކޮށްގެން ބާއްވާ "އާއިލީ އުފާ" ގިނަ ހަރަކާތްތަކާ އަންނަ މޭއި 1. އަދި 2 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް މަރިޔަމް ޝަރީފާ ވިދާޅުވީ ސްކޫލްގެ ޕީޓީއޭއިން މިއަހަރަށް ކުރުމަށް ކަނޑައަޅާފައިވާ ކަންކަމަށް ފައިސާ ހޯދުމަށް ހިންގާ މިހަރަކާތެއް ކަމަށެވެ.
ޝަރީފާ ވިދާޅުވީ މިއަހަރުގެ ހަރަކާތްތައް އެހެން އަހަރު ތަކާއި ތަފާތު ކުރުމުގެ ގޮތުން ގިނަ ކަން ކަން އިންތިޒާމް ކުރެވިފައިވަނީ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ހިމެނޭ ގޮތައް ކަމަށެވެ.
އެގޮތުން މޭއި 1 ވަނަ ދުވަހުގެ ހަރަކާތުގެ ތެރޭގައި ހިމެނެނީ ހަވީރު އޮންނަ ޖަންބޯ ސޭލް އަކާއި ބުކްފެއަރ އެއްގެ އިތުރުން ކާނިވަލަކާއި ޓެލެންޓް ޝޯއެކެވެ.
ޓެލެންޓް ޝޯވްގައި ގްރޭޑް 1 އިން ފެށިގެން ގްރޭޑް 5 އެއްގެ ކޮންމެ ކްލާހަކުން އައިޓަމެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
ޝަރީފާ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން އެންމެ ބާރަށް ކުރިއަށް ދަނީ މޭއި 2 ވަނަ ދުވަހުގެ ރޭ ބާއްވާ ހާއްސަ ޑިނާ ނައިޓް ޓިކެޓް ވިއްކުމުގެ މަސައްކަތް ކަމަށެވެ. ޓިކެޓެއް 100 ރުފިޔާއަށް ވިއްކަމުން އަންނަ އިރު ޑިނާ ނައިޓަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޝަރީފާ ވިދާޅުވިއެވެ.
1100 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ޝަރަފުއްދީން ސްކޫލުން ބުނީ މި ހަަރަކާތުން ލިބޭ ފައިސާއިން ސްކޫލްގައި މަލްޓީ މީޑިއާ ކްލާހެއް ހެދުމަށާއި، ސްކޫލްގެ އިނާމް ދިނުމުގެ ޖަލްސާއަށް ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިތުރަށް ފައިސާ ހުރެއްޖެ ނަމަ ޓީޗަރުން ތަމްރީން ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.