އިންޑިއާގެ ފުރާވަރު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކު އޮޕަރޭޝަނަކަށް ފަހު އިއްޔެ މަރުވި މައްސަލައާ ގުޅިގެން ޗެންނާއީގައި މުޒާހަރާކުރަން ފަށައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 17 އަހަރުގެ ޕްރިޔާ މަރުވި ކަނާތު ފައިގެ ކަކުލުގެ ލިގަމަންޓްގެ އޮޕަރޭޝަނަކަށް ފަހު، ކުރިިމަތިވި ކޮމްޕްލިކޭޝަންތަކަކަށް ފަހު ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް ފެއިލްވެގެންނެވެ. މިކަމާ ގުޅިގެން ޗެންނާއީގައި ވަރުގަދަ މުޒާހަރާތަކެއް ފެށީ އެ މަރަކީ އޮޕަރޭޝަންކުރި ޕެރިޔާ ނަގަރު ހޮސްޕިޓަލާއި ޑޮކްޓަރުންގެ ފަރުވާކުޑަަކަމުން ދިމާވި ހާދިސާއެއް ކަމަށް ބުނެ އެވެ.
ޕްރިޔާގެ މަރުގެ މައްސަލަ ހޫނުވުމާ ގުޅިގެން އޮޕަރޭޝަންކުރި ދެ ޑޮކްޓަރުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޕްރިޔާގެ އާއިލާ އިން ބުނި ގޮތުގައި އެ ކުއްޖާ އޮޕަރޭޝަންކުރީ މި މަހުގެ 7 ގަ އެވެ. އޭގެ ފަހުން އޭނަގެ ހާލު ވަރަށް ބޮޑަށް ދެރަވި ނަމަވެސް، ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުދީ އިހުމާލުވެފައިވެ އެވެ.
ޕްރިޔާގެ މަރާ ގުޅިގެން ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ވަނީ މަރުގެ ދިޔަ ބަދަލެއްގެ ގޮތުގައި އާއިލާ އަށް ދޭން ނިންމިކަން އިއުލާންކޮށްފަ އެވެ. އަދި އެ އާއިލާގެ މީހަކަށް ސަރުކާރުގެ ވަޒީފާއެއް ހަމަޖައްސައިދޭން ވެސް ވަނީ ނިންމައިފަ އެވެ.