Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ފޭދޫ ސްޕޯޓްސް ޗެމްޕިއަންކަން ހޯދައިފި

އެފްސީ ބޭރުމަތި 5-0 އިން ބަލިކޮށް "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ޗެމްޕިއަންކަން ފޭދޫ ސްޕޯޓްސް އިން ކާމިޔާބުކޮށްފި އެވެ.

މިއީ ފޭދޫ ސްޕޯޓްސް އިން މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗުގައި ފޭދޫ ސްޕޯޓްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރަތަމަ ހާފް ވެސް އެޓީމުން ނިންމާލީ ތިން ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން މި ތިން ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ އަލީ ޟިރުއާމް އެވެ. އަނެއް ގޯލް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ފޭދޫ ސްޕޯޓްސް އިން ނިންމާލިއިރު ދެވަނަ ހާފްގައި އެޓީމުން ވަނީ އިތުރު ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓްގައި ފޭދޫ ޓީމުގެ ހަތަރުވަނަ ގޯލް އިއްބެ ކާމިޔާބުކޮށްދިން އިރު މެޗުގެ 65 ވަނަ މިނެޓްގައި ޟިރުއާމް ވަނީ ފޭދޫ ޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ޟިރުއާމް އެވެ.

މެޗުގެ ދެވަނަ ހާފްގައި ބޭރުމަތި ޓީމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެ ޕެނަލްޓީ ފޭދޫ ޓީމުގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފައިވަނީ 25،000 ރުފިޔާފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފޭދޫ ސްޕޯޓްސް އަށް ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ.

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2022 ގެ މެއިން ސްޕޮންސަރަކީ ހެޕީ މާކެޓެވެ.