Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ރޮނާލްޑޯގެ އިންޓަވިއު އިން ޕޯޗުގަލަށް އަސަރެއް ނުކުރާނެ

މެންޗެސްޓާ ޔުނައިޓެޑާއި ގުޅޭގޮތުން އެޓީމުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދިން އިންޓަވިއުގެ ސަބަބުން ޓީމަށް އަސަރެއް ނުކުރާނެ ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.

ރޮނާލްޑޯ ދިން އިންޓަވިއުގައި ޔުނައިޓެޑްގެ ކޯޗު އެރިން ޓެން ހާގް އާއި އެ ކްލަބުގެ އިސްވެރިންނަށް ބަހުގެ ހަމަލާތަކެއް ދީފައިވެ އެވެ. ރޮނާލްޑޯއާ އެކު ޔުނައިޓެޑަށް ކުޅެމުން އަންނަ ދެ ކުޅުންތެރިއަކު ޕޯޗުގަލް ޓީމުގައި ހިމެނެ އެވެ. އެއީ ބްރޫނޯ ފަނާންޑޭސް އާއި ޑިއޯގޯ ޑަލޮޓް އެވެ.

ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނީ ރޮނާލްޑޯގެ އިންޓަވިއު އަކީ ކްލަބާ ގުޅުންހުރި ކަމެއް ކަމަށާއި ރޮނާލްޑޯ އަކީ މިނިވަނެއް ކަމަށްވާއިރު އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އޭނާ އަށް ވެސް އިންޓަވިއު ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން ގައުމީ ޓީމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި ގައުމީ ޓީމުގެ ހުރިހާ ވެސް ވިސްނުމެއް ހުރީ ވޯލްޑް ކަޕަށް ރަނގަޅަށް ތައްޔާރުވުމަށް ކަމަށް ސަންޓޯސް ބުންޏެވެ.

"އަހަންނަށް އެނގިގެން ރޮނާލްޑޯގެ އިންޓަވިއުގައި ގައުމީ ޓީމާއި ގުޅޭގޮތުން ވާހަކައެއް ނުދައްކާ. އިންޓަވިއުގައި ހުރީ ރޮނާލްޑޯ އަމިއްލަ އަށް ދެކޭގޮތް، އަހަރުމެން ޖެހޭނެ އެއަށް އިހުތިރާމް ކުރަން." ސަންޓޯސް ބުންޏެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމަށް ޕޯޗުގަލް އިން މިރޭ ނައިޖީރިޔާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު ބަލިވެ އުޅޭތީ މި މެޗުގައި ރޮނާލްޑޯ ނުކުޅޭނެ އެވެ.

ވޯލްޑް ކަޕްގައި ޕޯޗުގަލް ލައްވާލާފައިވަނީ ގާނާ، ދެކުނު ކޮރެޔާ އަދި ކެެމަރޫންއާއެކު ގްރޫޕް އެޗްގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނިކުންނާނީ ގާނާއާ ދެކޮޅަށެވެ.