Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

ވޯމްއަޕް މެޗުން ޖަރުމަނަށް މޮޅެއް

އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އޮމާން އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

އޮމާންގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗުގެ 80 ވަނަ މިނެޓްގައި ޖަރުމަނަށް ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކްރުގް އެވެ. ރޭގެ މެޗަކީ އޭނާ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

މި މެޗުގައި ޖަރުމަނުގެ ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް އުމުރުން 17 އަހަރުގެ ޒުވާން ފޯވާޑް ޔޫސޮފާ މޫކޮކޯ ވަނީ ކުޅެދީފަ އެވެ. އޭނާ އަށް މެޗުގެ ކުރީކޮޅު ގޯލެއް ކާމިޔާބު ކުރަން ފުރުސަތެއް ލިބުނު ނަމަވެސް އެ ހަމަލާ އަމާޒުވީ އޮމާންގެ ގޯލުގެ ދަނޑި އަށެވެ.

ރޭގެ މެޗުގެ 34 ވަނަ މިނެޓްގައި ޖަރުމަނުގެ ޑިފެންޑަރު ލޫކަސް ކްލޮސްޓާމަން އަށް އަނިޔާވެގެން ބާލަން ޖެހުނުއިރު އޭނާ އަށް ލިބުނު އަނިޔާގެ ކުޑަބޮޑު މިނެއް ޖަރުމަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ވޯލްޑް ކަޕްގައި ޖަރުމަނު މިފަހަރު ލައްވާލާފައިވަނީ ޖަޕާން، ކޮސްޓަރީކާ އަދި ސްޕެއިންއާއެކު ގްރޫޕް އީ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ޖަރުމަނު ބައްދަލުކުރާނީ ޖަޕާނާ އެވެ.