ފްލައި ދުބާއީގެ ދަތުރުތައް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފަށަން ނިންމާފައިވާތީ އެކަމާ ގުޅޭ ތައްޔާރީތަކަށް އެ އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ދުބާއީ އަށް ވަޑައިގެންފި އެވެ.
ފްލައި ދުބާއީގެ ދަތުރުތައް ގަމަށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 4 ގަ އެވެ. އެހެންވެ ގައިސްގެ މި ދަތުރަކީ އެ ދަތުރުތައް ފެށުމުގެ ކުރިން ފްލައި ދުބާއީއާ އެކީ ހަދަން ޖެހޭ އެއްބަސްވުންތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި ގައިސްގެ އިތުރުން އޭއައީއޭގައ މަސައްކަތް ކުރައްވާ މިސްބާހް ނަޒީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އިނަ މޯލްޑިވްސް/އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ބޭފުޅުން ދުބާއީ އަށް ކުރައްވާ ދަތުރުގައި ފްލައި ދުބާއީގެ މައި އޮފީހަށް ވަޑައިގެން އެއާލައިންގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެ އެވެ.
މިދިޔަ އާދީއްތަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޓޫރިޒަމް ފޯރަމްގައި ވެސް ފައްޔާޒް ވަނީ ފްލައި ދުބާއީއާ އެކީ ބުދަ ދުވަހު ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އެއާލައިންގެ ދަތުރުތައް އަންނަ އަހަރު ފެށުމުން އައްޑު އަށް އިގުތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް އަންނާނެ އެެވެ.
ގައިސް ވެސް ދާދި ފަހުން "އައްޑޫ ލައިވް" އަށް ވިދާޅުވީ ފްލައި ދުބާއީގެ ދަތުރުތައް އަންނަ އަހަރުގެ ކުރީކޮޅު އައްޑު އަށް ފެށުމަކީ އައްޑު އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ އެއާލައިނަކީ މިހާތަނަށް އެންމެ ރަނގަޅު އިންތިޒާމެއްގެ ދަށުން ގަމަށް ޝެޑިއުލް ދަތުރުތައް ކުރާނެ އެއާލައިނެއް ވާނެ ކަމަށެވެ. އެހެންވެ އެކަން ވަރަށް ބޮޑަށް ޕްރޮމޯޓްކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.