Last Updated: July 25, 05:49
Friday, July 25, 2025
ޚަބަރު

ރިޝްފާ ދޫކޮށްލައިފި

މަސްތުވާތަކެއްޗާ އެކީ ޕާޓީ ކުރަނިކޮށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހައްޔަރުކުރި ރާއްޖޭގެ ފިލްމީ ތަރި އައިނިމަތު ރިޝްފާ ދޫކޮށްލައިފި އެވެ.

އޭނާ ދޫކުރީ ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު އިއްޔެ އަށް ހަމަވާތީ އެކަމާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ރިޝްފާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހިމެނެ އެވެ. ރިޝްފާ އާއި އިތުރު 12 މީހަކު މާލޭގެ ގެއެއްގައި މަސްތުވާތަކެއްޗާ އެކީ ޕާޓީ ކުރަނިކޮށް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

އެ އެންމެންގެ ބަންދަށް ވެސް މުއްދަތު ޖަހާފައިވެ އެވެ. އޭގެ ތެރޭގައި ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދި ޖަލު ބަންދެއްގައި ހުރި ޒުވާން ބަތަލާ ހުނައިނާ މުހައްމަދު (ހުނޫ) ވެސް ހިމެނެ އެވެ.

ރިޝްފާ މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުނު އިރު، މި އަހަރުގެ ކުރީކޮޅު ވެސް އޭނަ ސަފާރީއަކަށް ޕާޓީކުރަން ގޮސް އުޅުނު ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ.

މުހައްމަދު މަނިކާ އެކީ "ހީލާ ބެލީމާ" ކިޔާ ވީޑިއޯ ލަވައަކުން ފިލްމީ ދާއިރާ އަށް ނުކުމެ ރިޝްފާ ފިލްމުތަކާއި ޓީވީ ޑްރާމާތަކުގެ އިތުރުން ވެބް ސީރީޒް ވެސް ކުޅެފައިވެ އެވެ. ފުރާވަރުގެ އަންހެން ދަރިއަކު ވެސް ހުރި ބަތަލާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ހައްދު"، "އަހުޝަމް"، "އަނދިރިކަން" އަދި "ދިލަކަނި" ހިމެނެ އެވެ.

ރިޝްފާގެ އަދި ރިލީޒްނުވާ ފިލްމުތަކުގެ ތެރޭގައި އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "ކަޅަކި" ހިމެނެ އެވެ.