މީގެ 17 އަހަރު ކުރިން އެމެރިކާގެ ފެޝަން ޑިޒައިނަރު ޓޮމް ފޯޑް ވުޖޫދަށް ގެނައި އޭނަގެ ލަގްޒަރީ ފެޝަން ކުންފުނި، "ޓޮމް ފޯޑް ބްރޭންޑް"، އެމެރިކާގެ މަޝްހޫރު ކޮސްމެޓިކް ކުންފުނި އެސްޓީ ލައުޑާ އަށް ވިއްކާލައިގެން ބިލިއަނަރެއްގެ ދަރަޖަ ހޯދައިފި އެވެ.
ފޯބްސް އިން ބުނި ގޮތުގައި 61 އަހަރުގެ ޑިޒައިނަރުގެ ކުންފުނި އަންގާރަ ދުވަހު އެސްޓީ ލައުޑާ އަށް ވިއްކާލީ 2.8 ބިލިއަން ޑޮލަރަށެވެ. ކުންފުނީގައި ޓޮމްގެ 64 ޕަސެންޓް ހިއްސާ އޮތް އިރު، އެސްޓީ ލައުޑާއާ އެކީ ހެދި މުއާމަލާތުގެ ތެރެއިން އޭނަ އަށް ނަގުދު ފައިސާގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި މި މުއާމަލާތުގެ ހުރިހާ ކަމެއް އެއްކޮށް ނިންމާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
އެސްޓީ ލައުޑާ އަށް "ޓޮމް ފޯޑް ބްރޭންޑް" ވިއްކާލި އިރު، މި ދެ ކުންފުނި ޕާޓްނަޝިޕެއްގެ ދަށުން މަސައްކަތްކުރާތާ ވެސް 15 އަހަރުވެއްޖެ އެވެ. އެގޮތުން ދެ ކުންފުނި ގުޅިގެން 2006 ގައި "ޓޮމް ފޯޑް ބިއުޓީ" ލޯންޗްކޮށްފައިވެ އެވެ.
އަމިއްލަ ކުންފުނި ވިއްކައިލި ނަމަވެސް އެސްޓީ ލައުޑާގެ ދަށުން، "ޓޮމް ފޯޑް ބްރޭންޑް" ގެ "ކްރިއޭޓިވް ވިޝަނަރީއެއް" ގެ ގޮތުގައި ޓޮމް އަންނަ އަހަރުގެ ނިޔަލަށް ދެމިހުންނާނެ އެވެ. ކުންފުނި ވިއްކާލައިގެން ޓޮމް ބިލިއަނަރެއްގެ މަގާމަށް ޖެހިލި އިރު، އޭނަ އަކީ ކުރިން ވެސް ވަރަށް މުއްސަނދި ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އެގޮތުން ނިއު ޔޯކާއި ލޮސް އެންޖެލިސްގައި 65 މިލިއަން ޑޮލަރުގެ ލަގްޒަރީ ދެ ގެ ވެސް ހުރެ އެވެ.
އިޓަލީގެ މިލާނަށް 1990 ގައި ދިރިއުޅުން ބަދަލުކޮށް މަޝްހޫރީ ބްރޭންޑް "ގުޗީ" ގެ ތެރެއިން ފެޝަން ޑިޒައިނިންގެ ދުނިޔެ އަށް ރަސްމީކޮށް ނުކުތް ޓޮމް އަކީ ނިއު ޔޯކް ޔުނިވަސިޓީން އާޓް ހިސްޓްރީ އަދި ނިއު ޔޯކާއި ޕެރިހުގެ ޕާސަންސް ސްކޫލް އޮފް ޑިޒައިން އިން އާކިޓެކްޗާ ކިޔަވާފައިވާ މީހެކެވެ.