Last Updated: July 28, 11:30
Tuesday, July 28, 2026
މުނިފޫހިފިލުވުން

ރަންވީރަށް އޮތީ "ސާކަސް" ގެ ޕްރޮމޯޝަން

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ރަންވީރު ސިންގްގެ ފިލްމު "ސާކަސް" ގެ ޝޫޓިން އެއްކޮށް ނިންމާލައި އޭގެ ޕްރޮމޯޝަނަށް ތައްޔާރުވެއްޖެ އެވެ.

މި ވާހަކަ ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ސޯޝަލް މީޑިއާގައި ވެސް ފިލްމުގެ ޓީމާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ ބުންޏެވެ. ޕީރިއަޑް ކޮމެޑީ ފިލްމެއްގެ ގޮތުގައި ގެނެސްދޭ "ސާކަސް" އަކީ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެކެވެ. އަދި މިއީ 2018 ގެ "ސިމްބާ" އަށް ފަހު އޭނަ އާއި ރަންވީރު އެކީގައި ގެނެސްދޭ އާ ޕްރޮޖެކްޓެވެ.

ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.

އަންނަ މަހުގެ 23 އަށް ތާވަލުކޮށްފައިވާ "ސާކަސް" ގެ ކާސްޓްގައި ޖެކްލިން ފެނާންޑޭޒް، ވަރުން ޝަރުމާ، ޕޫޖާ ހެގްޅޭ، ޖޯނީ ލީވާ، ސަންޖޭ މިޝްރާ، މުކޭޝް ތިވާރީ އަދި މުރާލީ ޝަރުމާ ފަދަ ތަރިން ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުމަކުން ދީޕިކާ އާއި އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ.

ޝޭކްސްޕެއާގެ ޕްލޭ "ދަ ކޮމެޑީ އޮފް އެރާސް" އަށް ބިނާކޮށް ހަދާފައިވާ "ސާކަސް" ގައި ރަންވީރު އާއި ވަރުން ފެންނާނީ ޑަބަލް ރޯލުތަކުންނެވެ. މި ފިލްމަކީ މި އަހަރު ރިލީޒްވާ ރަންވީރުގެ ދެވަނަ ފިލްމެވެ. މި އަހަރުގެ މެއިގައި ރިލީޒްކުރި އޭނަގެ "ޖަޔޭޝްބާއީ ޖޯރްދާރު" އަކީީ މާ ކާމިޔާބު ފިލްމެއް ނޫނެވެ.