Last Updated: June 9, 09:41
Tuesday, June 9, 2026
ޚަބަރު

ފެނަކައިން މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް

ފެނަކައިން މީޓަރު ޓެސްޓު ކުރުމުގެ ޙިދުމަތް ތަޢާރަފް ކުރުން /ފޮޓޯ: ފެނަަކަ

އައްޑޫ ހިމެނޭހެން ރާއްޖޭގެ ތިން ސަރަހައްދެއްގައި މީޓަރު ޓެސްޓުކުރުމުގެ ޙިދުމަތް ފެނަކަ ކޯޕަރޭޝަނުން ތައާރަފުކޮށްފި އެވެ.

ފެނަކައިން މީޓަރު ޓެސްޓު ޙިދުމަތް އިފުތިތާޙު ކުރުމަށް ބޭއްވި ރަސްމީއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ސަޢީދު ވިދާޅުވީ މީގެ ކުރީން އެތަކެއް ދުވަހެއް ވަންދެން މީޓަރު ޓެސްޓު ކުރުމަށް އިންތިޒާރުކުރި ނަމަވެސް މިހާރު މި ޙިދުމަތް އަވަހަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

ފެނަކައިން މި ޙިދުމަތް ތަޢާރަފް ކުރަނީ ރާއްޖޭގެ ތިން ސަރަހައްދެއްގަ އެވެ. އެއީ އައްޑޫގެ އިތުރުން މާލެ ސަރަހައްދާއި އުތުރުން ހއ އަދި ހދ. އަތޮޅުގަ އެވެ. އަދި މިއާ އެކީ އެއް ފަރާތަކަށް މީޓަރު ޓެސްޓު ކުރުމަށް ބަރޯސާވުން ކުޑަ ކުރެވިގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.

މީގެ ކުރީން ރާއްޖޭގައި މީޓަރު ޓެސްޓު ކުރުމުގެ ޙިދުމަތް ދެނީ ސްޓެލްކޯއިން އެކަންޏެވެ. ފެނަކައިން މީޓަރު ޓެސްޓު ކުރުމަށް އެންމެ ޒަމާނީ ބެންޗެއް ގެނެސްފައިވާ އިރު، އެންމެ ފަހުގެ ސްމާޓް މީޓަރުތަ އްވެސް މި ބެންޗުން ޓެސްޓު ކުރެވޭނެ އެވެ. އެގޮތުން ގަޑިއަކު 75 މީޓަރު މި ބެންޗުގައި ޓެސްޓު ކުރެވޭނެ ކަމަށް ފެނަކަ އިން ބުންޏެވެ.

މީގެ ކުރީން މީޓަރު ޓެސްޓު ކުރުމަށް އެދި ލެއްވުމުން މަދުވެގެން ތިން ދުވަސް ނުވަތަ ހަފްތާއެއް ވަރު މިކަމަށް ހޭދަވާ ކަމަށް ފެނަކައިން ބުނެއެވެ. ނަމަވެސް މިއަދު ތަޢާރަފް ކުރެވުނު ޙިދުމަތާއި އެކު ފެނަކައިން، މީޓަރު ޓެސްޓު ކުރުމަށް ރިކުއެސްޓް ލިބޭތާ 3-6 ގަޑިއިރު ތެރޭ ޙިދުމަތް ފޯރުކޮށްދެވޭނެ ކަމާށް ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ.

ފެނަކަ އިން ބުނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި މި ޙިދުމަތް ޤާއިމް ކުރެވިގެން ދާނެ ކަމަށެވެ. އަދި މިއާއެކު އަލަށް ކަރަންޓު ޙިދުމަތައް އެދި ލައްވާ ފަރާތްތަކަށްވެސް ކަރަންޓު ޙިދުމަތް ގުޅައި ދިނުން އަވަސް ވެގެން ދާނެ ކަމާށެވެ.

މި ޚިދުމަތް ހޯދުމަށް ފެނަކަ ވެބްސައިޓް މެދުވެރިކޮށް ފޯމް ޑައުންލޯޑްކުރުމުގެ ފުރުސަތު ލިބޭ އިރު، މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުގެ ކައުންޓަރަށް މީޓަރު ހުށަހެޅުމުން ވެސް އެ ޚިދުމަތް ލިބޭނެ އެވެ. އަދި މީގެ އިތުރުން އެރަށެއްގެ ފެނަކަ އިންޖީނުގެ އަށް ނުވަތަ ސައިޓަށް މީޓަރު ހިފައިގެން ދިއުމުން ވެސް މި ޚިދުމަތް ފޯރުކޮށްދޭނެ އެވެ.