ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ފަނޑިޔާރު ހުސައިން ޝަހީދުއާ ހަވާލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައި ކޯޓުގެ އިސްފަނޑިޔާރު ހާތިފް ޙިލްމީ ޝަރަފުވެރިކަމާ އެކީ ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެން މާދަމާ އިން ފެށިގެން ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ޝަހީދުއާ ޙަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޭނަ އަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީ އާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާ އިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓަ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ޝަހީދު ކުރިން ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުމުގެ މަގާމު ހިމެނެ އެވެ. މީގެ އިތުރުން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ ޖުލައި 24، 2018 ގަ އެވެ.