Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(އެޕްރީލް 22، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"އަސްލު ރޫ ގިނައީ އަހަރަނެގެ މޫނުގައޭ." އުލްފަތު އޭނާގެ އަމިއްލަ މޫނުގައި ފިރުމާލަމުން ބުންޏެވެ.

ހިނދުކޮޅެއް ތެރޭ އުލްފަތު ޓިކެޓްގެ އީކޮޕީ ގެނެސް ހީނާ އަށް ދައްކާލި އެވެ.

"އަސްތާ ހާދަ އަވަހޭދޯ އެހެންވެޔޭ އުލްފަތު ސުވީޓްއޭ ބުނަނީ." ހީނާ ވަރަށް ފާޑުވެރުކަމާ އެކު އޭނާގެ ހެދުންތަށް ޕެކް ކުރަން ފެށި އެވެ.
އުލްފަތު ތަފާތު ކާތަކެތި ގެނެސް ހީނާގެ ދަބަހަށް ލައިދިނެވެ. ރޭގަނޑު ޓީވީ ބަލަން އިނދެ ފޮނިކާތަކެތި ކެއުމަށް ހީނާ އާދަވެފައިވާކަން އުލްފަތު އަށް އިނގެ އެވެ.

ހީނާ ތުމުން ރާގެއް ފުމެމުން ހެދުންތަށް ފޮށްޓަށް ލަމުން ދިޔަ އެވެ. އުލްފަތަށް ހީވީ ހަގީގަތުގަ އިވެސް ލަންކާ އަށް ދާން މި ނިންމި ނިންމުމާ މެދު ހީނާ އުފާވީ ކަމަށެވެ. އުލްފަތު މެންދުރަށް ކެއްކުމަށް ބަދިގެޔާވީ ފަރާތަށް ދިޔައީ އެވެ.

އެކަމަކު ހީނާ ބޭރު ފުށުން ކިތަންމެ އުފާވެރި މޫޑެއް އުލްފަތަށް ދައްކަމުން ދިޔަޔަސް ހިތް އޭނާގެ ވަނީ ރޯލަރޯލަ އެވެ. އޭނާ މިއަދު ވިސްނަމުން ދިޔައީ ލަންކާގައި އޭނަ އެޅުނު ގޭގެ މަތިންނެވެ، އެ ހަނދާންތަކާ އޭނާ ދުރަށް ދާނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކެވެ.

އޭނާގެ މާޒީ އެވެ. އޭނާގެ ދެ ކުދިންގެ ޅަ އުމުރުގެ ދުވަސްތަކެވެ. ޒުއްނޫން ގެ އުމުރުން 11 އަހަރެވެ. ތާނިޔާ އަށް ހަތް އަހަރެވެ. ދެ ކުދިން އުޅުނު މަޖާ ގޮތް އޭނާ ހަނދާނަށް އަންނަމުން ދިޔަ އެވެ. އެތަން ދޫކޮށްފައި ރާއްޖެ އައި ދުވަހު ތާނިޔާ ވަރަކަށް ރުއިއެެވެ.
އޭނާގެ އެކުވެރިންނާ ދުރަށް ދާން ޖެހޭތީ އެވެ. އެ އެކުވެރިންނަށް އަލްވަދާޢު ކިޔާކަށް ފަހަރެއްގައި ވެސް ތާނިޔާ ޤަބޫލެއް ނޫނެވެ. ތާނިޔާ ހަމަ ރަނގަޅަށް ސިންގަޅަ ބަސް ދަނޭމެ އެވެ. އަދި މާލޭގައި ތިބޭ މާމަމެންނާ ވާހަކަ ދައްކަން އޭނާ އަށް އެހާ އުނދަގުލެވެ. އެ މީހުންނަށް ސިންގަޅަ ނޭގޭތީ އެވެ. އަދި ތާނިޔާ އަށް ދިވެހި ނޭނގޭތީ އެވެ. މިއީ ވެސް އޭނާ ނުދާން ދެކޮޅު ހެދި ކަމެކޭ އޭނާ ބުންޏެވެ. އެހެނަސް ތަޤްދީރުގެ އަތުގައި ހިފޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޤަޟާޤަދަރަށް އީމާން ވާންޖެހޭނެ އެވެ.

އެ މީހުން ލަންކާ އަށް ބަދަލުވި އިރު ތާނިޔާ އަށް ވާނީ ހަތަރު އަހަރެވެ. ޒުއްނޫން އަށް ވާނީ އަށް އަހަރެވެ. ވީ އިރު މިހާރު އެ ދެ ކުދިންގެ ވެސް އާ އެކުވެރިން ތިބޭނެ ނޫން ހެއްޔެވެ؟ އެ ދުވަސްވަރު އޭނާގެ ޝޫޓިން ނަގަމުން ދިޔައީ ލަންކާގެ ކެންޑީ ސަރަހައްދުގަ އެވެ.

ރާއްޖޭގައި ނުހުންނަ ގިނަ ގުދުރަތީ މަންޒަރުތަށް އެތަނުން ނަގަން ލިބޭކަމީ ގިނަ ޑައިރެކްޓަރުން ބުނާ ވާހަކައެކެވެ. ރާއްޖޭން ލިބެނީ ކަނޑުގެ ރީތިކަމާއި މުއްސަނދިކަމެވެ. ހުދު ދޮންވެލިގަނޑާއި ނަލަވި ރީތި މަސްތަކާ ފާޅިތަކެވެ. އެ ރީތިކަމަކީ މިސާލެއް ނެތް ފަދަ ރީތިކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ރާއްޖެގެ ކަނޑުގެ ރީތިކަމާއި ކަންތައް އޮތަސް ގިނަ ދިވެހިން ބޭނުން ވަނީ ހަމަ އިންޑިޔާ ޫނީ ލަންކާގެ މަންޒަރުތަކެވެ. ހަމަ ދުވަސްކޮޅު ލިބުނު ބުރޭކެއްގައި ހީނާ ހައްޖަށް ވެސް ދިޔަ އެވެ. އުމުރުން ކިތަންމެ ހަނގަކަސް ހައްޖަށް ދިޔުމަކީ އޭނާ އެންމެ ކުރަން ބޭނުންވި އަޅުކަމެވެ.
ހީނާ އަކީ ވަރަށް ދީނަށް ވެސް ލޯބި ކުރާ އަންހެނެކެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ހީނާގެ ބައްޕައަކީ މުދިމެކެވެ. ރަށު ސްކޫލްގެ އިސްލާމް މުދައްރިސް ވެސް މެ އެވެ. އޭނާގެ ގޭތެރެއިން އަބަދު އޭނާ އަށް އިވޭ އަޑަކީ ދީނީ ކޮންމެވެސް ވާޙަކައެއްގެ އަޑެވެ.
ކޮންމެސް ރަސޫލްބޭކަލެއްގެ ވާހަކައިގެ އަޑެވެ. ބައްޕަ އަބަދުވެސް ހީނާ އާއި އޭނާގެ ކޮއްކޮމެންނަށް ދީނީ އިބުރަތްތެރި ވާހަކަތައް ކިޔައިދީ އެ ކުދިން އިސްލާމް ދީނަށް ލޯބި ޖައްސަން މަސައަކަތް ކުރެ އެވެ. ނަތީޖާއެއްގެ ގޮތުން ހީނާ ލިޔާ ކޮންމެ މަޒުމޫނެއްގައި ވެސް ހިމެނެނީ ދީނީ ކޮންމެވެސް ވާހަކައެކެވެ. އޭނާގެ ބޮޑުބޭގެ ފަރާތުން އޭނާ ގުރުއާންގައި ވާ ވާހަކަތައް ފަށްފަށްކޮށް ކިޔުއްވާ އަޑު އަހަ އެވެ. ބޮޑުބޭބެ އިލްޔާސްގެ ދީނީ ތަގުރީރަކީ އޭނާ އެންމެ އަޑު އަހަން ބޭނުން ތަގުރީރެވެ.

ޖެހިގެން އައި ދުވަހު ހީނާ ހުރިހާ ބިލްތަކަށް ވާ ފައިސާ އުލްފަތު އާ ހަވާލު ކުރި އެވެ. ދެ ވެރިން އެއްކޮށް އެއާޕޯޓަށް ދިއަ އެވެ. ކާރު ދުއްވީ ވެސް އުލްފަތެވެ.

"ކުދިން ގުޅައިފިއްޔާ އަޅުގަނޑު ބުނާނީ ކީކޭ؟" ކާރު އެއާޕޯޓްގެ ޕޯޓިކޯ އަށް ވައްދަމުން ކުއްލިއަކަށް އެއްޗެއް ހަނދާންވާހެން ހަނދާންވެގެން އުލްފަތު ސުވާލު ކުރި އެވެ.

"ބުނޭ އެ މީހުން ކައިރީ މަންމަ މިތާ ކާރީ ރަށަކަށް ގޮއްސިޔޭ."

"ލަންކާއަށޭ ދިޔައީ ނުބުނަން ވީތަ؟" އާންމުކޮށް ހީނާ ދާ އެއްވެސް ތަނެއް އެކަކަށްވެސް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ.

"އާނ ލަންކާ އަށް ދިޔައީއޭ ބުންޏަސް އޯކޭ ވާނެ. އެހެން ނޫނަސް މިއީ ސިއްރުވާނެ ދަތުރެއް ނޫން. ފަހަރުގަ އަހަރެން ވެސް މި ރޭ ހޮޓަލުން އެ މީހުންނަށް ގުޅާލަފާނަން."

ކާރުން ފޭބުމާ އެކު ހީނާ ޓްރޮލީ ނަގައިގެން އަ އެވެ. އޭނާ ބޭނުންވީ އަމިއްލަ އަށް ހުރިހާ ކަމެއް ކުރާށެވެ. އުލްފަތު ކާރު ޕާކްކޮށްލާފައި އައި އިރު އޭނާ ހުރީ ވަންނަ ދޮރު ކައިރީ ރެޑީވެލައިގެންނެވެ އަދި ވައްދަން ސެކިޔުރިޓީ ނުބުނާތީ އެވެ. އެކަނި ދަތުރު ކުރެވޭތީ އޭނާ ހުރީ ވަރަށް އުފާވެފަ އެވެ،
ހީވަނީ މި ކަމަކީ އޭނާ މާ ކުރިން ބޭނުންވެ ނުވެވިފައިވާ ކަމެއްހެންނެވެ.

"ކުރާ ހުރިހާ ކަމެއް އަހަންނަށް އަންގަން ވާނެ." ކަރުނައިން ފުރިފައިވާ ލޮލަކުން ބަލަހައްޓައިގެން ހުރެ އުލްފަތު ބުނެލި އެވެ.

މުޅި ދަތުރުގައި ވެސް އުލްފަތު އައީ ލޯ ފޮހެމުން ފޮހެމުންނެވެ. ހީނާ މަޑުމަޑުން އުލްފަތު ގެނެސް އޭނާގެ މޭގައި ޖައްސާލި އެވެ. އުލްފަތު ބަޑިފަޅައިގެން ގޮސް ކުޑަކުއްޖަކުހެން ހީނާގެ ގައިގައި ބައްދައިގެން ހުރެ ރޯން ފެށި އެވެ. ހީނާގެ ދެ ކުދިން ހީނާ އާ ހެދި ނޫޅޭ ވަރަށް އުލްފަތު ހީނާ އާ ހެދި އުޅެ އެވެ.
ބައެއް ފަހަރަށް ހީނާ އަށް ހީވަނީ އުލްފަތަކީ ހީނާގެ މަންމަހެންނެވެ. މައިވަންތަކަމުގެ އަސަރު އުލްފަތުގެ ކޮންމެ ހަރަކާތަކުން ހީނާ އަށް އިހްސާސް ވެ އެވެ.

"ހާސް ނުވޭ. އަހަރެން ގޮސް މަޑު ނުވެ މެއިލް ކުރާނަން. ފަހަރުގަ ދިމާވާ ގޮތުން މެއިލް ނުކުރެވުނަސް މާ ހާސް ނުވާތި. ދާ ދުވަހު ކެންޑީ އަށް ދިޔުމަށް ވެސް ވިސްނައިގެން އަހަރެން މި ދަނީ. ފަހަރުގަ ނެޓްވޯކް މަސައްކަތް ނުކޮށްފީއްޔާ މެއިލް ނުކުރެވިދާނެ. އެހެން ނޫނީ އަހަރެން ގުޅާނަން އޯކޭ. ކަމެއް ބޭނުންވެއްޖިއްޔާ ފަސްޖެހުމެއް ނެތި އަހަރެން އުލްފަތު ގެންދާނަން މި ލިބޭ ޗުއްޓީގަ. އުލްފަތު ވެސް މަޖާކޮށްލާ ހިތްއުފާކޮށްލާ ދެން އެހާ ފަސޭހައިން އަހަރެން ޗުއްޓީއެއް ނުދޭނަން." ހީނާ ހިނިތުންވެލަމުން އެންމެ ފަހުގެ ވަދާޢީ ސަލާމް ކުރަމުން އުލްފަތުގައި ބައްދާލި އެވެ. އުލްފަތު ކަރުނަ ފޮހެލަމުން ގޮސް އެތާ ހުރި ގޮނޑިއެއްގައި އިށީނެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.