Last Updated: July 28, 11:30
Tuesday, July 28, 2026
މުނިފޫހިފިލުވުން

އިބްރާހީމްގެ ފިލްމަށް ޑައިރެކްޓަރެއް

ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ބޮލީވުޑަށް ނެރޭ ފިލްމު ޑައިރެކްޓްކުރާނީ ކެޔޯޒް އިރާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަ އަކީ ކަރަން ޖޯހަރް 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ ރޯލެއް ކުޅުނު މީހެކެވެ. އަދި މިދިޔަ އަހަރު ކަރަންގެ ދަރުމާ އިން ނެޓްފްލިކްސް އަށް ގެނެސްދިން އެންތޮލޮޖީ ފިލްމު "އަޖީބު ދާސްތާންސް" ގެ ސެގްމަންޓެއް ވެސް ކެޔޯޒް ޑައިރެކްޓްކުރި އެވެ. އޭނަ އަކީ މަޝްހޫރު އެކްޓަރު ބޮމަން އިރާނީގެ ދަރިއެކެވެ.

އިބްރާހީމް ބޮލީވުޑަށް އެކްޓަރެއްގެ ގޮތުގައި ނުކުންނަން އުޅޭ ވާހަކަ ދޭތެރެ ތެރެއިން ދެކެވެ އެވެ. އެގޮތުން ކުރިން ވެސް އަޑުއަރާފައި އޮތް ގޮތަށް އޭނަ ލޯންޗްކުރާނީ ކަރަން ޕްރޮޑިއުސްކުރާ ފިލްމަކުންނެވެ. އެގޮތުން ކެޔޯޒް އާއި އިބްރާހީމް މިހާރު ފިލްމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދިއެއް ނެތެވެ. އެކަމަކު މި އަހަރު މެއި ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިބްރާހީމް ބޮލީވުޑަށް ނެރޭނީ މަޝްހޫރު ތެލެގޫ އެކްޓަރު މޯހަންލާލްގެ ފިރިހެން ދަރިފުޅު ޕްރަނާވް މޯހަންލާލް އެކްޓިން އަށް ނުކުތް މި އަހަރުގެ ފިލްމު "ރިދަޔަމް" ގެ ހިންދީ ރިމޭކުންނެވެ.

ނަމަވެސް އެ ފިލްމުގެ ރައިޓްސް ކަރަން ދަރުމާ އިން ހޯދި ކަމެއް މިހާތަނަށް އެނގިފައެއް ނެތެވެ.

އިބްރާހީމް ފިލްމު ކުޅެން ތައްޔާރުވާ އިރު، އަންނަ އަހަރުގެ އެޕްރީލް 28 ގައި ސިނަމާތަކަށް ގެންނަ ކަރަންގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި 20 އަހަރުގެ ޒުވާނާ މަސައްކަތްކޮށްފައިވެ އެވެ.

އިބްރާހީމްގެ އެއްބަނޑު އެެއްބަފާ ދައްތަ ސާރާ އަލީ ޚާން ބޮލީވުޑަށް ނުކުތީ 2018 ގެ "ކޭދަރުނާތު" އިންނެވެ.