ބީއެމްއެލް އިން އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން 2020 ވަނަ އަހަރު ނޮވެންބަރު މަހު ވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އަލުން ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިއުންތަކާއެކު [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.
މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 7 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ލޯނަށް ކަނޑައެޅިފައިވަނީ 6 ޕަސެންޓްގެ ގެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށް ބީއެމްއެލް އިން ހާމަކުރެ އެވެ. މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބިގެންދާނެ އެވެ.
ބީއެމްއެލް އިން ބުނީ އީއައިބީ ކޮވިޑް ރިލީފް ލޯނު އަދި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ލޯނަށް ޝަރުތު ހަމަނުވާނެ ކަމަށެވެ.
މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.