އަނިޔާގެ ސަބަބުން ވޯލްޑް ކަޕަށް ސެނެގާލްގެ ގައުމީ ޓީމުން ނެގި ސްކޮޑުގައި ބަޔާން މިއުނިކްގެ ފޯވާޑް ސަޑިއޯ މާނޭ ބާކީކޮށްފި އެވެ.
މާނޭގެ ކަކުލަށް އަނިޔާވެފައިވަނީ ޖަރުމަނު ލީގުގައި ވާޑަ ބްރޭމަންގެ މައްޗަށް ބަޔާނުން 6-1 އިން ކުރި ހޯދި މެޗުގަ އެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓްގައި ލިބުނު އެ އަނިޔާއާ ގުޅިގެން މާނޭ ވަނީ ބަދަލުކޮށްފަ އެވެ. އެ އަނިޔާއާ އެކު ވެސް ވޯލްޑް ކަޕަށް ސެނެގާލްގެ ގައުމީ ޓީމުން ނެގި ސްކޮޑުގައި މާނޭ ހިމަނާފައިވެ އެވެ.
ނަމަވެސް ސެނެގާލްގެ ފުޓްބޯޅަ އިދާރާ އިން މިރޭ ވަނީ ލިބިފައިވާ އަނިޔާ އިން މާނޭ ރަނގަޅުވަމުން ނުދާތީ އޭނާ އަށް މުބާރާތުގައި ނުކުޅެވޭނެކަން ހާމަކޮށްފަ އެވެ. އަދި އަނިޔާއާ ގުޅިގެން މާނޭ ވަރަށް އަވަހަށް އޮޕަރޭޝަނެއް ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ވޯލްޑް ކަޕަށް ސެނެގާލް ކޮލިފައިކޮށްދިނުމުގައި ވެސް އަދި އެޓީމަށް އެފްރިކަން ކަޕް އޮފް ނޭޝަންސް ހޯދައިދިނުމުގައި ވެސް މާނޭ ވަނީ މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
ސެނެގާލް ވޯލްޑް ކަޕްގައި މިފަހަރު ލައްވާލާފައިވަނީ ނެދަލޭންޑްސް އާއި ގަތަރު އަދި އިކުއެޑޯއާއެކު ގްރޫޕް އޭ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ސެނެގާލުން މި މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ.