ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ޖާދޫގަރެއް ފަދަ ކުޅުންތެރިއެއް ކަމަށް
މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ފުޓުބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ވާދަވެރިކަމެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ރޮނާލްޑޯ އާއި މެސީގެ ބަހުސް ފެށިތާ 16 ވަރަކަށް އަހަރުވެފައިވާ އިރު، އަދިވެސް އެންމެ ތަންފުކެއް ވެސް ދޫ ނުކޮށް އެ ދެ ކުޅުންތެރިން އަންނަނީ ފުޓްބޯޅައިގެ ރެކޯޑުތައް މުގުރަމުންނެވެ.
ރޮނާލްޑޯ ،37، "ޓޯކްޓީވީ" އަށް ދިން އިންޓަވިއުއްގައި ބުނީ މެސީ އަކީ ޖާދޫގަރެއް ފަދަ ކުޅުންތެރިއެއް ކަމަށާއި މެސީއާއެކު އޮންނަނީ ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ. މެސީ އަކީ ގާތް އެކުވެރިއަކަށް ނުވި ނަމަވެސް އޭނާއާ ގުޅޭގޮތުން ވާހަކަ ދައްކާ ގޮތުން މެސީ އަށް ވަރަށް އިހުތިރާމް ކުރާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ މެސީ އާއި ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާނަކީ އޭނާ ނެގުމަށްފަހު ދެން ފެނުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށެވެ. އަދި މެސީއާއެކު ކެއުމަކަށް ދާން ވެސް މައްސަލައެއް ނެތް ކަމަށާއި އޭނާ އަކީ މީހުންނާއި ބައްދަލުކޮށް ހިޔާލުތައް ހިއްސާކޮށް އަދި ކަންކަން ދަސްކުރަން ބޭނުންވާ މީހެއް ކަމަށްވެސް ރޮނާލްޑޯ ބުނެފައިވެ އެވެ.
"އެކަން ކުރަން އަހަރެން ހަމަ ތައްޔާރު، އެއްވެސް މައްސަލައެއް ނެތް. އަހަންނަކީ ރަނގަޅު މީހެއް، އަހަރެންގެ އޮންނަނީ ރަނގަޅު ހިތެއް. އަހަންނަކީ މީހުންނަށް ފާޑުކިޔަން ބޭނުންވާ މީހެއް ނޫން." ރޮނާލްޑޯ ބުންޏެވެ.
މެސީއާއެކު އެއް ޓީމަކުން ފެނުމުގެ ފުރުސަތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ފުޓްބޯޅައިގައި ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ.