އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން އާއި ޕޯޗުގަލް އިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުތަކުން މޮޅުވެއްޖެ އެވެ.
ޕޯޗުގަލް މޮޅުވީ ނައިޖީރިޔާއާ ބައްދަލުކޮށް 4-0 އިންނެވެ. އަދި ސްޕެއިން މޮޅުވީ ޖޯޑަންއާ ބައްދަލުކޮށް 3-1 އިންނެވެ.
ޖޯޑަންގެ ވެރިރަށް އައްމާންގައި ރޭ ސްޕެއިނުން ކުޅުނު މެޗުގެ 13 ވަނަ މިނެޓްގައި އެޓީމަށް ލީޑު ނަގައިދިނީ އަންސޫ ފާޓީ އެވެ. ސްޕެއިނުން ޑޮމިނޭޓްކޮށްގެން ކުޅުނު މެޗުގެ 56 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ގަވީ އެވެ. އަދި ސްޕެއިންގެ ތިންވަނަ ގޯލް މެޗުގެ 84 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނިކޯ ވިލިއަމްސް އެވެ. ޖޯޑަންގެ ހަމައެކަނި ގޯލް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ހަމްޒާ އެވެ.
ވޯލްޑް ކަޕްގައި ސްޕެއިން މިފަހަރު ލައްވާލާފައިވަނީ ޖަރުމަނާއި ކޮސްޓަރީކާ އަދި ޖަޕާނާއި އެއް ގްރޫޕެއްގަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ސްޕެއިން ނިކުންނާނީ ކޮސްޓަރީކާއާ ދެކޮޅަށެވެ.
ޕޯޗުގަލްގެ އަމިއްލަ ދަނޑުގައި ރޭ ނައިޖީރިޔާއާ ދެކޮޅަށް އެޓީމު ނިކުތީ ބަލިވެ އުޅޭތީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލަ އެވެ. މި މެޗުގައި ޕޯޗުގަލުން ޖެހި ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ބްރޫނޯ ފަނާންޑޭސް އެވެ. އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ގޮންކާލޯ ރާމޯސް އާއި ޖާއޯ މާރިއޯ އެވެ.
ރޭގެ މެޗަށްފަހު ޕޯޗުގަލުން ގަތަރަށް ގޮސްފައިވާއިރު، ވޯލްޑް ކަޕްގައި ޕޯޗުގަލް ލައްވާލާފައިވަނީ ގާނާ، ދެކުނު ކޮރެޔާ އަދި ކެެމަރޫންއާއެކު ގްރޫޕް އެޗްގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނިކުންނާނީ ގާނާއާ ދެކޮޅަށެވެ.