މާލެ އާއި ހުޅުމާލޭ ސްކޫލުތަކުގައި ގާއިމްކޮށްފައިވާ އަލިފާން ނިވާ ނިޒާމްތައް ޗެކްކުރުމުގެ އިންސްޕެކްޝަނެއް އެޑިޔުކޭޝަން މިނިސްޓްރީ އާއި އެމްއެންޑީއެފުން ގުޅިގެން ފަށައިފި އެވެ.
އިއްޔެ ފެށި މި ޕްރޮގްރާމުގައި ރޭ ޗެކްކޮށްފައި ވަނީ އިސްކަންދަރު ސްކޫލުގައި ގާއިމްކޮށްފައިވާ އަލިފާން ނިވާ ނިޒާމުތަކެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި މާލެ އާއި ހުޅުމާލޭގެ 22 ސްކޫލެއްގެ އަލިފާން ނިވާ ނިޒާމުގެ ހާލަތު ޗެކުކުރުމަށް ހަމަޖެހިފައިވެ އެވެ.

މި ޕްރޮގްރާމުގައި ސްކޫލުތަކުގައި ގާއިމުކޮށްފައި ހުރި އަލިފާން ނިވާ ނިޒާމްތައް ހުރީ ރަނގަޅު ހާލަތެއްގައިތޯ ބަލައި މައްސަލަތައް ހުރި ނަމަ އެކަންކަން ހައްލުކުރަން ފިޔަވަޅުތަކެއް އަޅާނެ އެވެ. މި އިންސްޕެކްޝަން ޕްރޮގްރާމްގައި ހަރަކާތްތެރި ވަނީ އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ފަޔަމަނުންނެވެ.
މާލެ އާއި ހުޅުމާލޭގެ ސްކޫލްތަކުގެ އަލިފާން ނިވާ ނިޒާމުގެ އިންސްޕެކްޝަނެއް ފަށާފައި މި ވަނީ މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގެ ރެހެންދި ސްކޫލުގެ ޕެނަލް ބޯޑެއްގައި ރޯވި ހާދިސާ އަށް ފަހު އެވެ.