ބޮލީވުޑްގައި މިހާރު އެންމެ ވިދާ އައިޓަމްގެ ގާލް، ނޯރާގެ ފަތުހީގެ އާ ލަވައެއް އަނެއްކާ ވެސް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
މި ލަވަ އަކީ އަންނަ މަހުގެ 2 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އަޔޫޝްމަން ކްރާނާގެ ފިލްމު "އޭން އެކްޝަން ހީރޯ" ގައި ހިމެނޭ ލަވައެކެވެ. ތަނިޝްގް ބަގްޗީ މިއުޒިކާ ކުޅެފައިވާ މި ލަވަ އަކީ ކުރީގެ މަގުބޫލު ލައެއް ކަމަށްވާ "ޖޭދާ ނަޝާ" ގެ އާ ވާޝަނެކެވެ. ނޯރާ އާއި އަޔޫޝްމަންގެ ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ ލަވަ ކިޔާފައި ވަނީ އަމަރު ޖަލާލާއި އައިޕީ ސިންގް އާއި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ އިތުރުން ހަރްޖޯތު ކޯރެވެ.
"ދިލްބަރު" އާއި "އޮ ސާކީ ސާކީ" އާއި "ގަރުމީ" އާއި "އޭކް ތޮ ކަމް ޒިންދަގާނީ" އާއި "ކުސޫ ކުސޫ" ފަދަ މަގުބޫލު ލަވަތަކުން ނެށުމުގެ ހުނަރު ދައްކާލައިގެން ބެލުންތެރިންގެ ހިތްތައް ފަތަހަކުރި ނޯރާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ތޭންކް ގޯޑް" ގެ އައިޓަމް ލަވައަކުންނެވެ. އެއީ ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން "މަނިކެ" އެވެ.
"އޭން އެކްޝަން ހީރޯ" ގައި ނޯރާގެ އައިޓަމް ލަވައެއް ހިމެނި އިރު، މި ފިލްމުގައި ކުރިން ބޮލީވުޑްގައި އެންމެ ވިދި މަލައިކާ އަރޯރާގެ އައިޓަމް ލަވައެއް ވެސް ހިމެނެ އެވެ. މިދިޔަ ހަފުތާގައި އާންމުކުރި ފިލްމުގެ ޓްރެއިލާ ވެސް މަލައިކާގެ ފެނިލުން ވަރަށް ކުޑަކޮށް ދައްކާލާފައިވެ އެވެ.